ޚަބަރު

ގުޅީފަޅު ބިން ހިއްކުން މަޑުޖައްސާލަން ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރެފި


  • މި އަމުރު ނެރުނީ ސުޕްރީމް ކޯޓުން

  • މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވާނެކަމަށް އަމުރުގައިވޭ

ގުޅީފަޅު ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ހައި ކޯޓުން ނެރުނު އަމުރަށް އަމުލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރުނީ ހައިކޯޓުގެ އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައިކޯޓުން އަމުރެއް ނެރުނީ، އެ މަޝްރޫއު މަޑުޖައްސާލަން އާއްމުންގެ މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ އަމުރު ނެރެދީފައިވާ ނުވާތީ، އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

ހައިކޯޓުން ނެރުނު އަމުރުގައި ވަނީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު އީއައޭގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށެވެ. އެފަދަ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި ވަގުތީ އަމުރު ނުނެރެފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށްވެސް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް ހައިކޯޓުގެ އަމުރުގައިވެއެވެ.

ހައިކޯޓުގެ އަމުރަށް އަމަލުކުރަން ފަސްކުރަން އަންގާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވިދާޅުވީ ގުޅީފަޅު ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ހައި ކޯޓުން ނެރުނު އަމުރު ތަންފީޒުވެއްޖެ ނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށެވެ. އެހެންކަމުން ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

މި މައްސަލައިގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ގުޅީފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށާއި މިހާތަނަށް އެތަން ހިއްކުމުގެ އަށްޑިހަ އިންސައްތަ މަސައްކަތް ނިމިފައިވާއިރު މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެދުވަހަކު ދައުލަތަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށެވެ.

ގުޅީފަޅުން ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު މިހާތަނަށް 100 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ.