އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށްފައިވަނިކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޓިކެޓް އަތުލި މައްސަލަ އޭނާ ސިވިލް ކޯޓަށް ހުށަހަޅުއްވައިފިއެވެ.
ޖާބިރުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާކަން އެ ކޯޓުން ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އަދި އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީ ނުކުރާ ކަމަށް ވިދާޅުވިއެވެ.
ޖާބިރު ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ޓިކެޓް އަތުލުމުގެ ސަބަބުން އޭނާ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާ އަތުން ޓިކެޓް އަތުލައި، ކާށިދޫ ދާއިރާގެ ޓިކެޓް ފަހުން ދިން ކެންޑިޑޭޓްގެ ޓިކެޓް ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
އެ މައްސަލައިގައި ވިދާޅުވެފައިވާ ގޮތުގައި ޖާބިރު އަތުން ޓިކެޓް އަތުލާފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށެވެ. ކާށިދޫ ދާއިރާގެ ރައްޔިތުންގެ ތާއީދު އޭނާއަށް ލިބިފައިވަނީކޮށް ރައްޔިތުންގެ ރުހުމާ ދެކޮޅަށް ދާއިރާގެ ޓިކެޓް ދީ އޭނާގެ އިންތިޚާބީ ޙައްޤަށް އަރާފައިވާކަމަށްވެސް އެ މައްސަލައިގައި ވަނީ ވިދާޅުވެފައެވެ.
މުޖުތަމައުގެ އާއްމު މިންގަނޑާއި ޚިލާފަށް، ބޭއަދަބީ ބަހުރުވައިން ރައްޔިތުންނާއި މުޢާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކަމަށްބުނެ އެމްޑީޕީން ވަނީ ޖާބިރުގެ ޓިކެޓް އަތުލައި އޭނާ އެ ޕާޓިން ވެސް ވަކިކޮށްފައެވެ. މިކަމާ ގުޅިގެން ކުރިއަށް އޮތް މަޖިލީހުގައި ވާދަކުރެއްވުމަށްފަހު ޖާބިރު ފޯމު ހުށަހެޅުއްވީވެސް އަމިއްލަ ގޮތުންނެވެ.