މި އަހަރުގެ ފުރަތަމަ މަހު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 585 މިލިއަން ރުފިޔާ އިތުރު ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ދައުލަތަށް 3.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އަދި އެ މަހުގެ ތެރޭގައި ޙަރަދުތައް ހުރީ 2.9 ބިލިއަން ރުފިޔާގައެވެ.
ދައުލަތުގެ ޙަރަދަށްވުރެ އާމްދަނީ އިތުރުވި ނަމަވެސް މި އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 4.1 ބިލިއަން ރުފިޔާއެވެ.
މާލީ ވުޒާރާގެ ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް ލިބިފައިވާ ޢަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 3.2 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 328 މިލިއަން ރުފިޔާއާއި އެހީގެ ގޮތުގައި ލިބުނު 2.5 މިލިއަން ރުފިޔާއެވެ.
ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސަރވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
• އިމްޕޯޓް ޑިއުޓީން 176.8 މިލިއަން ރުފިޔާ
• ބީޕީޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ
• ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ
• ގްރީން ޓެކްސްގެ ގޮތުގައި 93.7 މިލިއަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 85.2 މިލިއަން ރުފިޔާ
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޚަރަދުތައް ހުރީ 2.9 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޙަރަދުތައް ހުރީ 4.9 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން ދައުލަތުގެ ޙަރަދުތައް ވަނީ ވަރަށް ބޮޑަށް ކުޑަ ކުރެވިފައިކަން ފާހަގަކުރެވެއެވެ.
ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 2.5 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 446.9 މިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 1.1 ބިލިއަން ރުފިޔާއާއި އިދާރީ ހިންގުމަށް ހިނގާފައިވާ 1.4 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.