ޤައުމު ތަރައްގީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިޤްތިޞާދީ އެޖެންޑާ ކުރިއަށްގެންދިއުމަށް ކޮޅުމަޑުލުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
ރިޔާޟް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ކިނބިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވަނީ އަތޮޅުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.
ރިޔާޟްގެ ވާހަކައިގައި މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި ގިނަ ރައީސުންނާއެކު ދަތުރު ކުރެވުނުކަން ފާހަގަކުރައްވައި ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ދަތުރުފުޅުންވެސް ތަފާތު ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ތަސައްލީއެއް ހޯދައިދެއްވަން ކަމަށް ވިދާޅުވާ ވިދާޅުވުން އަމަލުން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ކޮޅުމަޑުލަކީ ރާއްޖޭގައި އޮތް އެންމެ ނިކަމެތި އަތޮޅުކަން ފާހަގަކުރައްވައި ރިޔާޟް ވިދާޅުވީ ދަތުރުފަތުރުގެ ދަތިކަން އޮތްއިރު ޓޫރިޒަމްވެސް އެއަތޮޅުގައި ނެތް ކަމަށެވެ. އަދި ކިނބިދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އެ ރަށާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލަން ކަމަށާއި ކުރީ ސަރުކާރުން އެކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް އެކަން ނުކުރައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކިނބިދޫ ރައްޔިތުން އެންމެ ބޮޑު ކަންބޮޑުވާ ވާހަކައަކީ ކިނބިދޫ އާއި ވޭމަންޑޫއާ ދެމެދުގެ ކޯޒްވޭގެ ވާހަކަ. ކުރީ ސަރުކާރުން ވައުދުވެވަޑައިގެންނެވި ނަމަވެސް އެކަން ނުވި. މިހާރު އެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ނުފޫޒު ގަދަކޮށް މިދިޔަ ސަރުކާރުގައި ހުންނެވި ނަމަވެސް އެކަން ކޮށްނުދިނުމަކީ ވަރަށް ބޮޑު އިހުމާލެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" ރިޔާޟް ވިދާޅުވިއެވެ.
ރިޔާޟް މިހެން ވިދާޅުވެފައިވާއިރު ރައީސް ވަނީ މިބައްދަލުކުރެއްވުމުގައި އެ ދެރަށް ގުޅުވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެ އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން މި ދައުރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރިޔާޟް އިތުރަށް ވިދާޅުވީ އިޤްތިޞާދީ ތަނަވަސްކަން ފުދުންތެރި ރައްޔިތުން ބިނާކުރުމަކީ ރައީސް ބޭނުންފުޅުވާ ކަމަކަށްވާއިރު ރައީސްގެ އިޤްތިޞާދީ އެޖެންޑާ ކުރިއަށް ގެންދިއުމަށް ކޮޅުމަޑުލު ރައްޔިތުންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ ހުރިހާ ސިޔާސީ ވިސްނުމެއްގެ ބޭފުޅުންވެސް އެމަނިކުފާނުގެ ފަހަތްޕުޅަށް އައުމަށް ރިޔާޟް ދައުވަތުދެއްވިއެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކޮޅުމަޑުލުގެ ހަތަރު ގޮނޑި ސަރުކާރަށް ހޯދާދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރިޔާޟް ދެއްވިއެވެ.