ޢާންމުކޮށް ވިއްކާ ގެދޮރާއި ފުލެޓް ގަތުމަށް އެމީހެއްގެ ޕެންޝަން އެކައުންޓުގައިވާ ފައިސާ ބޭނުންކުރެވޭނެ މަގުފަހިކުރެއްވުމަށް ޕެންޝަން ޤާނޫނަށް ހުށައެޅުއްވި އިޞްލާހަށް މެމްބަރުން ތާޢީދުކުރައްވައިފިއެެވެ. ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙެވެ.
ޢާންމުކޮށް ވިއްކާ ގެދޮރާއި ފުލެޓްގަތުމަށް ބޭނުންވާ ޑައުންޕޭމަންޓްގެ ފައިސާ، އެމީހެއްގެ ނަމުގައި ޕެންޝަން ފަންޑުގައި ބަހައްޓާ ފައިސާއިން ކޮލެޓަރަލައިޒް ނުވަ ސެކިއުރިޓީއެއްގެ ގޮތުގައި ބެއްހެއްޓޭގޮތަށް ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ހުށައެޅުއްވި އިޞްލާހު ބަލައިގަތީ 65 މެމްބަރުންގެ އިއްތިފާޤުންނެވެ.
ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ހުށައެޅުއްވުމުގެ ބޭނުމަކީ، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ގެދޮރުގެ ދަތިކަން ކަމަށްވާތީ، ސޯޝަލް ސެކިއުރިޓީ ނިޒާމްގެ ތެރެއިން ޙައްލެއް ހޯދައިދެއްވުންކަމަށް އިޞްލާޙު ހުށަހެޅުއްވި ބޭނުމުގެ ތެރޭގައި ހިމަނުއްވާފައިވެއެވެ. ޕެންޝަނާބެހޭ ޤާނުނު ފަރުމާކުރެވިފައިވަނީ، ރިޓަޔަރކުރުމަށް ބެނެފިޓް ސްކީމެއް ހިންގުމަށްކަމަށާއި، އެހެންނަމަވެސް މި އިޞްލާޙުގެ ސަބަބުން ސްކީމްގެ ބައިވެރިންނަށް ގެދޮރު ގަތުމުގައި ލުއިތަކެއް މި ޤާނޫނުން ލިބިގެންދާނެކަމަށް އިޞްލާޙު ހުށައަޅުއްވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙް ވިދާޅުވިއެވެ. އަދި މިއިޞްލާޙުގެ ސަބަބުން ގެދޮރު ގަތުމަށްޓަކައި ދައްކަންޖެހޭ ޑައުންޕޭމަންޓް ދެއްކުމުގެ ގޮތުން ޕެންޝަން ފަންޑުގެ މެމްބަރުންގެ ތެރެއިން އެ މެމްބަރެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުން ކަނޑައެޅޭ ވަކި ޢަދަދަކަށް ފައިސާ ކޮލަޓަރަލައިޒްކުރެވޭނެ އިންތިޒަމް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ.
އިޞްލާހަށް ބަހުސްކުރެއްވި މެމްބަރުން ވިދާޅުވީ، މިއީ ވަރަށް މުހިއްމު އިސްލާހެއްކަމަށާއި، ރައްޔިތުން ގެދޮރުވެރިކުރުވުމަށް ލިބިގެންދާނެ ކުރިއެރުމެއްކަމަށެވެ. ޕެންޝަން ފަންޑާ ބެހޭ އެކަށީގެންވާ ރަނގަޅު މައުލޫމާތު ރައްޔިތުންނަށް ލިބެންޖެހޭކަން މެމްބަރުން ފާހަގަކުރެއްވިއެވެ.
މިޤާނޫނުގެ ދަށުން ކޮލަރަޓަރަލައިޒް ކުރުމާބެހޭ އުޞޫލެއް މިޤާނޫނަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ޕެންޝަން އޮފީހުގެ ބޯޑުން ކަނޑައަޅުއްވައި ޝާއިޢުކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. މި އިޞްލާޙު މަޖިލީހަށް ބަލައިގަންނަވައި، ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.