ޚަބަރު

މިދިޔަ އަހަރު ބީއެމްއެލްއަށް 1.9 ބިލިއަން ރުފިޔާގެ ފައިދާއެއް


  • އަހަރު ނިމުނުއިރު ޖުމްލަ އެސެޓުވަނީ 45.4 ބިލިއަން ރުފިޔާއަށް އަރާފައި

  • 5 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވޭ

  • ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައި

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއަދަދަކީ 2022ވަނަ އަހަރު، އެ ބޭންކަށް ސާފު ފައިދާގެގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 17 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލްއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން އަހަރު ނިމުނު އިރު، އެބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާވަނީ އިތުރުވެފައެވެ. އަދި އަހަރު ނިމުނުއިރު ޖުމްލަ އެސެޓުވަނީ 45.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 1.6 ބިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވަނީ 5 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައެވެ.

މާލީ ރިޕޯޓުގައިވާގޮތުން އެވްރެޖްކޮށް ކޮންމެ ދުވަހަކު އެބޭންކުގެ އޭޓީއެމްތައް މެދުވެރިކޮށް 40000 މުއާމަލާތްކޮށްފައިވެއެވެ. ބީއެމްއެލްގެ ކަސްޓަމަރުންގެ އަދަދު 340000އަށް ވުރެ ގިނައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއިއެކު 20 އަތޮޅުގައި 38 ބްރާންޗް، 84 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންނާއި އެކު، ބީއެމްއެލްއިން ދަނީ ޒަމާނީ އޮންލައިން ބޭންކިންއެއްގެ ޚިދުމަތްދެމުންނެވެ.