ޚަބަރު

މަތިވެރި ކައުންސިލުގެ ޤުރުއާން މުބާރާތުގެ 1 ވަނަ ޝައިހާއަށް


  • މުބާރާތުގެ ފައިނަލަށް ދަތުރުކުރީ 5 ކުއްޖަކު

  • ޝައިހާއަށް ކައުންސިލުން އިނާމެއްގެ ގޮތުގައި 15000 ރުފިޔާ

  • މިއީ މަތިވެރި ކައުންސިލުން ބޭއްވި 5 ވަނަ ގުރުއާން މުބާރާތް

އއ. މަތިވެރި ކައުންސިލުން ބޭއްވި ރަންތާޖު ގުރުއާން މުބާރާތުގެ އެއްވަނަ ފާތިމަތު ޝައިހާ ފަހުމީ ހޯދައިފިއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ނައިބް ރައީސް އައްޝައިޚް މުތީޢު އިސްމާޢިލް މުޙައްމަދުއެވެ.

މަތިވެރި ކައުންސިލުން ބޭއްވި 5 ވަނަ ޤުރުއާން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެރަށު ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ހުޅުވާލައިގެންނެވެ. މި މުބާރާތުގައި ކޮންމެ ކުއްޖަކަށްވެސް ހިފުޒްގެ ސުވާލަކާއި ތިލާވާތުގެ ސުވާލެއް ވަނީ ކޮށްފައެވެ.

މަތިވެރި ކައުންސިލުން ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 4 ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ ބުރަށްފަހު، 2 ވަނަ ބުރަށް ދަތުރުކުރީ 37 ބައިވެރިންނެވެ. އަދި 15 ބައިވެރިޔަކު 3 ވަނަ ބުރަށް ގޮސްފައިވާއިރު މުބާރާތުގެ ފައިނަލަށް ދިޔައީ 5 ބައިވެރިންނެވެ.

މި ފަސް ބައިވެރިންގެ މުބާރާތުގެ 1 ވަނަ ހާސިލްކޮށްފައިވަނީ ފާތިމަތު ޝައިހާ ފަހުމީއެވެ. ޝައިހާއަށް އެރަށު ކައުންސިލްގެ ފަރާތުން ޓޮރޮފީއާއި 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. އަދި ސަލަފް ޖަމިއްޔާގެ ފަރާތުން އުމްރާ ދަތުރެއް ދީފައިވާއިރު، މުބާރާތުގެ ސޮޕޮންސަރުންގެ ފަރާތުންވެސް އިނާމް ހުށަހަޅާފައިވެއެވެ.

ރަންތާޖު މުބާރާތުން ވަނަވަނައަށް އައި ކުދިން

1 ވަނަ، ފާތިމަތު ޝައިހާ ފަހުމީ: 15000 ރުފިޔާގެ ފައިސާގެ އިނާމެއް
2 ވަނަ، އަބްދުﷲ އަހްލަމް ބިން އަސްލަމް : 8000 ރުފިޔާގެ ފައިސާގެ އިނާމެއް
3 ވަނަ، ނާއިމް ބިން ނާހިދް: 5000 ރުފިޔާގެ ފައިސާގެ އިނާމެއް
4 ވަނަ، މަރިޔަމް ނައިޝާ: 3000 ރުފިޔާގެ ފައިސާގެ އިނާމެއް
5 ވަނަ، އައިޝަތު އަމާނީ ފަހުމީ: 2000 ރުފިޔާގެ ފައިސާގެ އިނާމެއް

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް މުތީޢު އިސްމާޢިލް މުޙައްމަދު ވަނީ މުބާރާތަކުން ރަންވަނަ ނުހޯދުނުކަމުގައި ވީނަމަވެސް ހިތްވަރު އެލުވާނުލާ ގަދައަޅާ މަސައްކަތް ކުރުމަށް ދަރިވަރުންނަށް ނަޞޭހަތްތެރިވެފައެވެ.

"މުބާރާތުގައި ލިބުނު ނާކާމިޔާބީއަކީ ކުރިމަގުގައި ކާމިޔާބީގެ ވާހަކަ މީހަކަށް ކިޔާދޭއިރު އެކަމުގެ ފެށޭ ހިސާބަށް ވެދާނެ. އެހެންވީމަ ނާކާމިޔާބު ނުބަލާތި އެއީ މައްސަލައެއްކަމަށް. ބަލަންވީ މިއާއެކީގައި ކުރިއަށް ދިއުމަށް." އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް މުތީޢު އިސްމާޢިލް މުޙައްމަދު ވިދާޅުވިއެވެ.

2019 ވަނަ އަހަރަށްފަހު މި މުބާރާތް ބާއްވަމުން އަންނަ ގޮތަށް މަތިވެރި ކައުންސިލުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހަމައެކަނި ގުރާއާން ކިޔެވުމުގެ ބަދަލުގައި ހިފްޒާއި ތިލާވާތުގެ އިތުރުން ތަޖުވީދާއި ރާގަށް ކިޔެވުން އަދި ޤުރުއާންގެ ތަފްސީރުގެ ބައިތައް މުބާރާތުގައި ހިމެނިއެވެ.