ރަށުގެ އިޚްތިޞާސްގެ ތެރޭގައި ނުހިމެނޭ ފަޅުރަށްތައްވެސް ލިބޭ ގޮތަށް ހެދުމުން ކައުންސިލްތަކާއި ރަށްތަކުގެ އާމްދަނީ ދެގުނަވެގެންދާނެ ކަމަށް ބައެއް ކައުންސިލްތަކުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްނިއުސްއާ ވާހަކަދެއްކި ބައެއް ކައުންސިލްތަކުން ވިދާޅުވީ މިއީ ކައުންސިލްތަކުން އަބަދުވެސް ސަރުކާރުގައި އެދެމުން އައި ކަމެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ސަރުކާރުތަކުން އެކަން ކައުންސިލްތަކަށް ފަހިކޮށްފައިދީފައި ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ފުރުސަތު ކައުންސިލްތަކަށް ދެއްވުމަކީ ކައުންސިލްތައް ބާރުވެރިކުރުވަން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ހެއްކެއް ކަމަށް އެ ކައުންސިލްތަކުން ވިދާޅުވެއެވެ.
އިޚްތިޞާސުގެ ބޭރުން ވެސް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭ ގޮތް ހަދައި ސަރުކާރުން މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްތައް ދޫކުރުމާއި ބެހޭ ޤަވާއިދު ވަނީ އިޞްލާހު ކޮށްފައެވެ. އެ ޤަވާއިދަށް އެއް މަސްދުވަސްފަހުން އަމަލު ކުރަން ފަށައި ރަށްތައް ދޫކުރަން ސަރުކާރުން ފަށްޓަވާނެއެވެ.
ސަރުކާރުގެ މި ނިންމެވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްވި ބައެއް ކައުންސިލްތަކުން ވިދާޅުވީ މިއީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އައު ގަވާއިދުގެ ދަށުން ކައުންސިލްތަކަށް ރަށްތައް ލިބުމުން އާމްދަނީ ހޯދާނެ އިތުރު ދޮރުތައް ހުޅުވި، ރަށުގެ އިގްތިސާދު ކުރިއަރައިގެންދާނެ ކަމަށްވެސް އެ ކައުންސިލްތަކުން ފާހަގަކުރައްވައެވެ.
ބ. އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިހު ވިދާޅުވީ މިހާރު ކައުންސިލްތައް ބަރޯސާވެފައި އޮންނަނީ ސަރުކާރުން ދޭ ގްރާންޓަށް ކަމަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ރަށުގެ ތަރައްގިއަށް ކުރަމުން އަންނަ ކަންކަން ވެސް ސަރުކާރަށް ބަރޯސާ ނުވެ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކައުންސިލްގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވާނެ. މިހާރު ގްރާންޓާއެކު މި ލިބޭ އާމްދަނީއަށްވުރެ ދެ ގުނަ އާމްދަނީއެއް ލިބިގެންދާނެ،" މުޙައްމަދު ފާތިހު ވިދާޅުވިއެވެ.
ގދ. މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޟް ޙަސަން ވިދާޅުވީ އެ ރަށަކީ އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކޮށްގެންތިބި ޒުވާނުން ގިނަ ރަށަކަށްވާއިރު ޒުވާނުން ތިބީ ރަށުގެ އިގްތިސާދު ކުރިއަރުވަން އިންވެސްޓް ކުރަން ތައްޔާރަށް ކަމަށެވެ. އެހެންވެ ސަރުކާރުގެ އައު ގަވާއިދުގެ ދަށުން ފަޅުރަށްތައް ލިބުމުން އޭގެ ފައިދާ ރަށުގެ ކައުންސިލާއި ރައްޔިތުންނަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ސަރުކާރުން މި ނިންމި ނިންމުމަކީ ކައުންސިލާއި ރައްޔިތުންގެ މާލީ ހާލަތު ތަނަވަސްކުރުމުގެ ގޮތުން އެޅި ވަރަށް މުހިންމު ފިޔަވަޅެއް،" ފިޔާޟް ވިދާޅުވިއެވެ.
މި ގަވާއިދާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތެއް ކަމަށެވެ. ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރަން ފެށުމުން އޭގެ ފުރިހަމަ ބޭނުން ހުރިހާ ކައުންސިލަކުން ވެސް ހިފާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ރައީސްގެ ނިންމެވުމާއެކު އެކުލަވާލައްވާފައިވާ ގަވާއިދުގެ ދަށުން ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރާނީ އެ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަންކުރުމަށްފަހުއެވެ. މި ޕްރޮޕޯސަލް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަށް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން އެ ޕްރޮޕޯސަލް ފާސްކުރަން ޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅެނީ ސަރުކާރުން ކަނޑައަޅާ ރަށްތަކަކަށެވެ. އެ ރަށްތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރާނީ 10 އަހަރުގެ މުއްދަތަކަށެވެ. އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލް ގުޅިގެން ފަޅުރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.