ޚަބަރު

ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އަންނަ މަހު ފަށަނީ


  • މި މަސައްކަތް ކުރާނީ ސްޓެލްކޯގެ ޚާއްސަ ފަންނީ ޓީމަކުން

  • މުންނާރު އާބާތުރަ ފިލުވުމުގެ އިތުރަށް، ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ޒީނަތްތެރިކުރާނެ

  • އަމާޒަކީ ރޯދައިގެ ކުރިން މަސައްކަތް ނިންމާލުން

ރޯދަ މަހަށް ހުކުރު މިސްކިތު މުންނާރުގެ އާބަތުރަ ފިލުވުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ފެށޭނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކާއާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ހުކުރު މިސްކިތުގެ މުންނާރަކީ ދިވެހި އާސާރީ ތަރިކައިގެ ވަރަށް މުހިންމު ބިނާއެއްކަމަށާއި އެ ބިނާ ރައްކާތެރިކޮށް ބެހެއްޓުމަށް އަބަދުވެސް ސަމާލުކަންދެމުން އަންނަ ކަމަށެވެ.

މިފަހަކަށް އައިސް ހުކުރު މިސްކިތާއި މުންނާރު އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަނީ ސްޓެލްކޯއާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ސްޓެލްކޯއިން ކުރަނީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.

ވަޒީރު އާދަމް ނަޞީރު ވިދާޅުވީ އަންނަ ރޯދަ މަހަށް ވެސް ހުކުރު މިސްކިތުގެ މުންނާރު އަބާތުރަ ފިލުވުމުގެ މަސައްކަތް ކުރާނީ ސްޓެލްކޯއިންކަމަށާއި އެ މަސައްކަތްތަކާ ގުޅޭ ގޮތުން މިހާރު ސްޓެލްކޯއާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މި ފަހަރު މުންނާރު އާބާތުރަ ފިލުވުމުގެ އިތުރަށް ހުކުރު މިސްކިތް ހިމެނޭ މުޅި ސަރަޙައްދު ޒީނަތްތެރިކުރުމަށް ވެސް ނިންމާފައިވާކަމަށް ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

"މިހާރު ނިމިފައި އޮތްގޮތުން މޫސުމަށް ބަލާފައި ކަމާބެހޭ ބޭފުޅުންގެ ލަފާފުޅާއިއެކީގައި ފެބްރުއަރީ މަހު ކުރީކޮޅު އެ މަސައްކަތް ފެށޭނެ. އަދި ފެށޭއިރު، ހަމައެކަނި މުންނާރު އާބާތުރަ ފިލުވުމުގެ މަސައްކަތް އެކަންޏެއް ނޫން މިފެށެނީކީ، [ހުކުރު މިސްކިތް ހިމެނޭ] ސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ." ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

މި އަހަރު ފަށާ މަސައްކަތުގެ ތެރޭގައި މުންނާރުގެ އިތުރުން ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކުރުމާއި އެތަނުގައި ހުރި ބައެއް އެހެނިހެން އާސާރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މުންނާރުގެ އެތެރެއާއި ބޭރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް އާބާތުރަ ފިލުވުމާއި ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިން ކުރަމުން ދިޔަ ފަރާތުން އެތަނުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރު ނެގުމާއި ކޮނެފައި ހުރި އުވަ ވަޅު ސާފުކޮށް ފަސްއެޅުން ފަދަ ކަންކަން ހިމެނެއެވެ. އެ މަސައްކަތްތައް ކުރާނީ ސްޓެލްކޯގެ ޚާއްޞަ ފަންނީ ޓީމަކުންނެވެ.