މާލެ ސިޓިގެ މޭޔަރު ކަމަށް އަލަށް އިންތިޚާބުވެވަޑައިގެންފައިވާ އާދަމް އާޒިމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމަވައިފިއެވެ.
މިކަން އިޢުލާން ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ. އެގޮތުން، ކޮންމެ ސިޓީ ކައުންސިލެއްގެ މޭޔަރު އިންތިޚާބަކީ މުހިންމު އިންތިޚާބެއް ކަމަށާއި މޭޔަރު ހުވާކުރުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މާލެ ސިޓީ މޭޔަރު އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި 3 މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 22 ވާ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލޭގެ އައު މާޔަރާއި، ކައުންސިލަށް އަލަށް އިންތިޚާބުވި މެންބަރުންނާއެކު ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
"މާލޭގެ ރައްޔިތުންގެ އުއްމީދުތަކާއި ވެރިކަމަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ. އަޅުގަނޑުމެން ޔަގީންކުރަނީ އަލަށް ހޮވިވަޑައިގެންނެވި މޭޔަރު އަދި އިތުރު މެންބަރުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާއެކުގައި ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް،" އާދަމް އާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލް މޭޔަރާއި، މާފަންނު ދެކުނު ދާއިރާއާއި، މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ 7621 ވޯޓުންނެވެ. އެއީ އެ އިންތިޚާބުގައި ވޯޓުލީ މީހުންގެ 44.81 އިންސައްތައެވެ.
މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ހަސަން ނިޡާމް ކާމިޔާބު ކުރެއްވިއިރު ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި އެ ޕާޓީގެ ކެންޑިޑޭޓް އާމިނަތު ރިޝްފާ އަހުމަދު ވަނީ ކާމިޔާބު ކުރައްވާފައެވެ. އަދި މެދު ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރިޝްވާން ރަޝީދުއެވެ.