ތައިވާނަކީ ޗައިނާގެ ބައެއް ކަމަށާއި ރާއްޖެއިން ގަބޫލުކުރަނީ ވަން ޗައިނާ ސިޔާސަތު ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިހެން ވިދާޅުވީ ތައިވާނުން ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. ތައިވާނުން މިއިންތިޚާބު ބާއްވާފައިވަނީ އިންތިޚާބު ބާއްވައިފިނަމަ ނުތަނަވަސްކަން ބޮޑުވާނެ ކަމަށް ޗައިނާއިން ބުނެފައިވަނިކޮށެވެ.
ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ވަން ޗައިނާ ސިޔާސަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާ ކަމަށާއި ރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވެފައިވަނީވެސް އެއަސާސްގެ މައްޗަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރެއްވި ފުރަމާނަ ދަތުރުފުޅުގައިވެސް އެޔަގީންކަން އެމަނިކުފާނު ޗައިނާއަށް ދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގައި އޮތީ އެންމެ ޗައިނާއެއް ކަމަށާއި މުޅި ޗައިނާ ރަމްޒުކޮށްދޭ ދައުލަތަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ކަމަށް ބަޔާނުގައި ސަރުކާރުން ވިދާޅުވިއެވެ. އަދި ތައިވާނަކީ ޗައިނާގެ ޓެރިޓަރީގެ ބައެއް ކަމަށް ގަބޫލުކުރާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ތައިވާނާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ސަރުކާރުން ވަނީ ވަކިވެގަތުމަށް ތައިވާނުން ހިންގާ އަމަލުތަކާ ދެކޮޅުކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ފޯރުވުންވެސް ރާއްޖެއިން ދެކޮޅު ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.