މާލެއާއި ހުޅުލެއާއި ދެމެދުއަޅުއްވާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ޕްލެޓްފޯމްތައް ބެހެއްޓުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ، ބްރިޖުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚަށްވުރެ ދެމަސްދުވަސް ކުރިން މަސައްކަތް ނިންމާލެވޭނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖަށް ޚަރަދުވާނެ ކަމަށް ބެލެވޭ 210 މިލިއަން ޑޮލަރުގެ ތެރެއިން 191 މިލިއަން ޑޮލަރު ޚަރަދުވާނީ ބްރިޖުގެ ކޮންސްޓްރަކްޝަން މަސައްކަތަށް ކަމަށެވެ. އަދި ބްރިޖުގެ ޑިޒައިން މަސައްކަތަށް ގާތްގަނޑަކަށް 12 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށާއި، ބްރިޖުގެ މަސައްކަތް ކުރައްވަނީ އެކަން ކުރެވޭނެ އެންމެ ކުޑަ އަގުގައިކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބްރިޖްގެ ޕްލެޓްފޯމްތައް ބެހެއްޓުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެކަމަށާއި، ޕްލެޓު ފޯމުތައް ޖަހަން ޖެހޭ ހުރިހާ ޕައިޕުތަކެއް ވެސް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން 20 ޕައިޕެއް ޖަހަން ޖެހޭ ކަމަށާއި މިހާތަނަށް ނުވަ ޕައިޕު ޖަހާފައިވާ ކަމަށެވެ. ބްރިޖުގެ މަޝްރޫއަކީ ރައީސް ޢަބްދުﷲ ޔާމީން ދިވެހި ރައްޔިތުންނަށް ކޮށްދޭން ނިންމެވި އެންމެ ބޮޑު މަޝްރޫއު ކަން ފާހަގަ ކުރައްވަމުން ޗައިނާ ސަރުކާރުގެ އެހީގައި މިމަޝްރޫއު ފެއްޓެވީވެސް ޔަގީންކަމާއި އެކު ކަމަށްވިދާޅުވިއެވެ. އަދި ބްރިޖުގެ މަސައްކަތް ނިންމަވާނީވެސް ޔަގީންކަމާއި އެކު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ބްރިޖުގެ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ދަތިކުރަމުންދާ ކަން ފާހަގަކުރައްވާ، މިނިސްޓަރު ވިދާޅުވީ އެކަންކަމަށް ނުބަލައި ސަރުކާރުން މިމަސައްކަތުގައި ކުރިއަށް ގޮސް މިމަސައްކަތް ކޮށް ނިންމާލާނެކަމަށެވެ.
މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ،ބްރިޖު ހަދަނީ ބައިނަލްއަޤްވާމީ މިންގަނޑު ތަކަށް ސަލާމަތީ ހުރިހާ ކަމެެއް ބައްލަވައިގެންކަމަށާ، ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ އީއައިއޭ ރިޕޯޓާއި އެއްގޮތަށްކަމަށާ، ބްރިޖު މަޝްރޫއާއި އެކު ހުޅުލެއާއި ހުޅުމާލެ ގުޅުވުލުމަށް ހަދާމަގު ބްރިޖު ނިމޭއިރު ނިންމެވުމަށްް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.
މާލެއާއި ހުޅެލެއާއި ދެމެދު އަޅުއްވާ ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ.