ޚަބަރު

"ފަންޕް ބަހައްޓައިގެންނާއި ބައުޒަރު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތްދަނީ ކުރަމުން"


  • ބައުޒަރު ފޮނުވައިގެން ފެން ނެގުމުގެ މަސައްކަތްވެސް ދަނީ ކުރަމުން

  • ބައެއް ރަށްރަށަށް އުދަ އަރައިގެން ރިޕޯޓްކޮށްފައިވޭ

  • ރަށްރަށުގައިވެސް ވެލި ބަސްތާޖެހުމުގެ މަސައްކަތް ކުރިއަށްދޭ

ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ޕަންޕް ބަހައްޓައިގެންނާއި، ބައުޒަރު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މާލެ ތެރޭ ފެން ޕަންޕުތައް ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތާއި، ބައުޒަރު ފޮނުވައިގެން ފެން ނެގުމުގެ މަސައްކަތްވެސް އެމްއެންޑީއެފުން ކުރަމުންދާ ކަމަށެވެ. އަދި ގޭގެއަށް ފެން ނުވަދެވޭގޮތް ހެދުމަށްޓަކާ ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހާހަކަށްވުރެ ގިނަ ވެލި ބަސްތާ މިހާރު ފޯރުކޮށްދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި އަމިއްލަ ބައެއް ފަރުދުންވެސް ހަރަކާތްތެރިވަމުން އަންނަކަމަށް ވިދާޅުވެ، ސަރުކާރާއި ރައްޔިތުން ގުޅިގެން މިފަދަ ކާރިސާތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިވަގުތުން މިވަގުތަށް ފެން ހިންދުމަށް، ކަމާއި ގުޅުންހުރި ފަރާތްތަކުން، އެކި ވަޞީލަތްތައް ބޭނުންކޮށްގެން އެމަސައްކަތް ކުރަމުން އެބަދޭ. އަދި ބައުޒަރު ފޮނުވައިގެން ފެން ނެގުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން." ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތެރެއަށްވެސް މިވިއްސާރައިގައި ވަރަށް ބޯކޮށް ވާރޭވެހެމުން އަންނަކަމަށާއި، ރަށްރަށުގައިވެސް ރައްޔިތުންނާއި ކައުންސިލާއި ގުޅިގެން ހުރި ވަޞީލަތެއް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ބައެއް ރަށްރަށަށް އުދަ އަރާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ނ. ހޮޅުދޫ އާއި، ށ. ކޮމަންޑޫ އާއި ތ. ގުރައިދޫއަށް އުދަ އަރާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަން ހާމަކުރެއްވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަނަކުން އުފެދިފައިވާ ޓްރަފެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ.