ޚަބަރު

ޤައުމުގައި އަމާންކަން ޤާއިމްކުރެވޭނީ ރައްޔިތުންނާއި ފުލުހުން ގުޅިގެން: ކޮމިޝަނަރ


  • ލ. މާބައިދޫގައި ޕޮލިސް ޕޯސްޓެއް ވަނީ ޤާއިމްކޮށްފައި

  • މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފުލުހުން ޚިދުމަތް މުހިންމުކަން ކޮމިޝަނަރ ފާހަގަކުރެއްވި

  • ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން ޖެހޭކަމަށް ވިދާޅުވި

  • އަމާންކަން ޤާއިމްކުރެވޭނީ ރައްޔިތުންނާއި ފުލުހުން ގުޅިގެންކަން ފާހަގަކުރެއްވި

ރާއްޖެއަކީ އެހެން ޤައުމުތަކާ އަޅާބަލާއިރު ކުށް ދައުރުވުން ހަލުވި ޤައުމަކަށްވީ ނަމަވެސް ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކޮށްފިނަމަ ކުށްމަދު، އަމާން ޤައުމަކަށް ރާއްޖެ ހެދޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިފަދައިން ވިދާޅުވީ ލ. މާބައިދޫގައި ގާއިމު ކުރި ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ޕޮލިސް ޕޯސްޓަކީ ރައްޔިތުންނާ ހާތުން ފުލުހުންގެ ޚިދުމަތްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވި ޕޯސްޓެކެވެ.

މިއަދު ލ. މާބައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިޝާމްއެވެ.

ކޮމިޝަނަރ ވިދާޅުވީ މާބައިދޫގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިއުމާއެކު ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށް ވިޔަނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމަށް ޝައްކުނުކުރައްވާ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފުލުހުން ޚިދުމަތް މުހިންމު ވަނީ މުޖުތަމައުގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައާ ގުޅިގެން ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުންކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް ކުރިއަށް އޮތް ފަސް އަހަރަށް ރާވައި، އިންތިޒާމްކުރުމުގެ ތެރެއިން ކުރެވޭ މަސައްކަތުން މާބައިދޫގައިވެސް ފުލުހުންގެ ޚިދުމަތް ދެވޭ ގޮތާއި މިންގަނޑުތައް ތަރައްގީ ކުރެވިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރުތައް ދިނުމާއި ފުލުހުން އިތުރަށް ހަރުދަނާކުރުމާއި އިތުރު ފަންނީ ވަސީލަތްތައް ގާއިމްކޮށްދިނުމާއި ކައުންސިލާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްމަދު މުޖުތަމައުއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.