ޗައިނާއާއި ރާއްޖެއާއި ދެމެދު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެއްވެސް ޑިއުޓީއަކާ ނުލައި ސީފުޑް ނުވަތަ މަހުގެ 296 ބާވަތެއް ޗައިނާއަށް އެތެރެކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަނީ އެ އެއްބަސްވުމަށް ޢަމަލުކުރުން މަޑުޖައްސާލާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިޤްތިޞާދީ ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާކަމަށެވެ. ޚާއްޞަކޮށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމާއި ރީ އެކެކްސްޕޯޓު ކުރުމުގެ ފުރުޞާތު ލިބިގެންދާނެކަން ސަޢީދު ފާހަގަކުރެއްވިއެވެ.
"296 ބާވަރުގެ ސީފުޑް ރާއްޖޭގައި ނުހުރެދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއިން ނުލިބޭ ސީފުޑް އިމްޕޯޓްކުރުން. އަދި ރާއްޖެއިން ރީއެކްސްޕޯޓް ކުރުން. 10% އާއި 30% ވެލިއު އެޑިޝަނެއް ހަދަން މިޖެހެނީ. ރާއްޖެއިން ރީއެކްސްޕޯޓްކުރުން އެއީ ޗައިނާއާއެކު ކުރެވޭނެ މަސައްކަތެއް. މިިހާރުވެސް "ގްރޫޕާ" ހުއިފިލަނޑާ، އަދި ކޮންމެވެސްވަރަކަށް ޔެލޯފިން ޓޫނާ އެތެރެކުރޭ. އެކަންކަން ފުޅާކުރުން. އެއީ ފްރީޓްރޭޑުގެ ތެރެއިން ލިބޭ ވަރަށް ފަހި ފުރުޞަތެއް." ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާގެ ހުރިހާ މަންޒިލަކަށް ވައިގެ ދަތުރުފަތުރުކުރުމުގެ ފުރުޞަތު ލިބޭކަންވެސް ވަޒީރު ފާޙަގަކުރެއްވިއެވެ. އަދި މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއްގެ ގޮތުގައިވެސް ސަޢީދު ފާހަގަކުރެއްވިއެވެ.
ސަޢީދު ވިދާޅުވީ ޤައުމީ އެއަރލައިނަށް ވައިޑްބޮޑީ އެއަރކްރާފްޓް ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީވެސް އެފަދަ އޮޕަރޭޝަންތަކެއް ފެއްޓެވުމަށްކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ އޯން އެއަރލައިނެއް، މިސާލަކަށް ޤައުމަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ކުރާ ވަގުތެއްގަ ފްރީޓްރޭޑް އެގްރީމެންޓެއް އައިމަވާގޮތަކީ އިތުރަށް ދަތުރުތައް ފަހިކުރަން ފަސޭހަވެގެންދާނެ. އަޅުގަނޑުމެންނަށް އެބަލިބޭ އެހެން ފުރުޞަތެއްވެސް. އެއީ ޗައިނާގެ އެއްމަންޒިލުން އެހެން މަންޒިލަށް މީހުން ގެންދިއުން. އެއީ މިތަނުން އެހެން ބަޔަަށް ދޭ ޚިދުމަތެއް ނޫން. ދިވެހި ރާއްޖެއަށް އެކަނި. ރާއްޖެއަށް އެކަނި ޗައިނާގެ އެއް ސިޓީން އަނެއްސިޓީއަށް މީހުން އުފުލުމަށް މި ހުއްދަދެނީ. އެއީ އެންމެ ވަރުގަދަ އެއް މަސައްކަތް." ވަޒީރު ވިދާޅވިއެވެ.
ދިވެހި ކުންފުނިތަކަށް ޗައިނާގައި އެޤައުމުގެ ކުންފުނިތަކުގެ ގޮތުގައި ހިންގުމުގެ ފުރުޞަތުވެސް އެ އެއްބަސްވުމުގެ ދަށުން ލިބިގެންދާނެކަމަށާއި ނަމަވެސް ރާއްޖޭގައި ޑޮމެސްޓިކް އެއަރލައިންތަކާއި ވިޔަފާރިތައް ކުރާނީ ދިވެހިންކަމަށް ސަޢީދު ވިދާޅުވިއެވެ.
މިއީ ރާއްޖެއަށް ފައިދާވާގޮތަށް އެކުލަވާލެވިފައިވާ މުހިންމު އެއްބަސްވުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެއީ ދުނިޔޭގެ އެންމެ ވަރުގަދަ، އެންމެ ކުރިއަރާފައިވާ އިޤްތިޞާދާއެކުވެސް އެންމެ ކުޑަ އިޤްތިޞާދަށްވެސް ފުރުޞަތު އޮތްކަން ހާމަކޮށްދޭ އެއްބަސްވުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމަށް މިސަރުކާރު އޮތީ ތައްޔާރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައެވެ.