އަންނަމަހު މާޗު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އަންނަ މާޗުމަހުގެ 17 ވަނަ ދުވަހެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ 17 މާޗުގައި ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އިން ފެށިގެން އަންނަމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާނެކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އަންނަމަހުގެ 16 ވަނަ ދުވަހަށް ތާވަލުކޮށްފައިވާކަމަށާއި، ކެމްޕޭން ކުރުމުގެ ފުރުސަތު އަންނަމަހުގެ 16 ވަނަ ދުވަހުން ފެށިގެން މާޗުމަހުގެ 16 ވަނަ ދުވަހާއި ހަމައަށް އޮންނާނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ލިސްޓުގައި އެ މީހަކާ ގުޅޭ މައުލޫމާތު ސައްޚަތޯ ކަށަވަރުކުރުމަކީ ފަރުދީ ޒިންމާއަކަށް ހަދަންޖެހޭކަމަށެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެލުމުގެ ފުރުސަތު 21 ޖެނުއަރީއާ ހަމައަށް ހުޅުވާލާފައިވާއިރު، ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހު ގެނެވޭ ބަދަލުތައް 30 ޖެނުއަރީގައި އާއްމުކުރުމަށް ނިންމާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އަންނަމަހުގެ 1 އިން 7 އަށް ރީ ރަޖިސްޓްރޭޝަން ފުރުސަތު ހުޅުވާލުމަށްފަހު އަންނަމަހުގެ 29 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓް އާއްމު ކުރައްވާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި 500 އާއި 700 އާ ދެމެދު އަދަދަަކަށް ވޯޓު ފޮށި ބެހެއްޓޭނެކަމަށް ލަފާކުރައްވާކަމަށެވެ. އަދި ސީދާ އަދަދު އިއުލާން ކުރެވޭނީ މިމަހުގެ 31 ވަނަ ދުވަހުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުސަތު މިމަހުގެ 31 ވަނަ ދުވަހު ހުޅުވާލާނޭކަމަށެވެ. އަދި މާލެ އާއި އަތޮޅު ތެރޭގައިވެސް އޮފިޝަލުން ތަމްރީންކުރުން ކުރިއަށްދާނެކަމަށް ހަބީބް ވިދާޅުވިއެވެ.
20 ވަަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުން ހިމެނެއެވެ.