ޚަބަރު

ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރަން ބޭނުންވޭ: ފޫޖިއަންގެ ލީޑަރުން


  • ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި

  • ރާއްޖެއަށް އިންވެސްޓްމަންޓުތައް އިތުރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި

  • ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޖާފަތެއް ދެއްވި

ސަގާފަތާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ފޫޖިއަން ޕްރޮވިންސްގެ ލީޑަރުން ވިދާޅުވެއްޖެއެވެ.

ފޫޖިއަން ޕްރޮވިންސްގެ ލީޑަރުން މިހެން ވިދާޅުވީ ޗައިނާގެ ފޫޖިއަން ޕްރޮވިންސްގެ ލީޑަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިހާރު ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން، ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ. ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ، އަދި ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ފޫޖިއާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް ޗޯ ޒު އީ އާއި، ޑެޕިއުޓީ ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ. ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ، އަދި ފޫޖިއާން ޕްރޮވިންސްގެ ގަވަރނަރ ޖާއޮ ލޮންގވެސް މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފޫޖިއަން ޕްރޮވިންޝަލް ޕާޓީގެ ސެކެޓްރީ ވަނީ ސަގާފަތާއި ފަތުރުވެރިކަމުގެ ދާއިރާ އަދި މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި މާދަމާ ބާއްވާ "އިންވެސްޓް މޯލްޑިވްސް" ފޯރަމަށްފަހު ދިވެހިރާއްޖެއާއެކު އިންވެސްޓްމަންޓްގެ ދާއިރާއިން މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ޤައުމާއެކު ތަފާތު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ފުރަމާނަ ދަތުރުފުޅެއްގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވި ޤައުމަކަށް ޗައިނާ ވެގެންދިއުމަކީ ދިވެހިރާއްޖެއާއި އެ ޤައުމާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތްތާނގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވެ، އެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ދެޤައުމުގެ ވަފުދުގެ ބޭފުޅުން ވިދާޅުވިއެވެ.

މި ބައްދަލުވުމަށްފަހު ފޫޖިއާން ޕްރޮވިންސްގެ ލީޑަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މަރުޙަބާގެ ޖާފަތެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.