ޚަބަރު

މާލެ ސިޓީގެ ދެ ކައުންސިލަރެއް ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވައިފި


  • ސޮއި ކުރެއްވީ އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ކައުންސިލަރުން

  • ދެ ކައުންސިލަރުން ވެސް އިންތިޚާބުވީ އެމްޑީޕީ ޓިކެޓުގައި

  • ކައުންސިލްގައި އެމްޑީޕީގެ އިންނެވީ އެންމެ ކައުންސިލަރެއް

މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީލްސް ނޭޝަނަލް ކޮންގްރެސް (ކޮންގެސް ޕާޓީ)އަށް ސޮއި ކުރައްވައިފިއެވެ.

ކޮންގްރެސް ޕާޓީން ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އެ ޕާޓީއަށް ސޮއި ކުރައްވާފައިވަނީ މާލެ ސިޓީގެ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އާއިޝަތު ނިޒްލީ އާއި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރްޔަމް ރީހާން ނާޡިމްއެވެ. ނިޒްލީ ކުރިން އެމްޑީޕީގައި ހުންނެވިއިރު ރީހާން ހުންނެވީ ދަ ޑިމޮކްރެޓްސްގައެވެ. ދެ ކައުންސިލަރުން ވެސް އިންތިޚާބުވެވަޑައިގެންނެވީ އެމްޑީޕީންނެވެ.

މި ދެ ކައުންސިލަރުން ކޮންގްރެސް ޕާޓީއަށް ސޮއި ކުރެއްވި، ފޯމުތަކާއި ހަވާލުވެވަޑައިގަތީ އެޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ނިޒްލީ ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގަތުމުން މާލެ ސިޓީ ކައުންސިލުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މިހާރު ހުންނެވީ އެންމެ ކައުންސިލަރެކެވެ.

އެމްޑީޕީ އާއި ޑެމޮކްރެޓްސްގެ ދެ ކައުންސިލަރަކު ކޮންގްރެސް ޕާޓީއަށް ސޮއި ކުރައްވާފައިވާއިރު ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ވެސް ވަނީ އެޕާޓީއަށް ސޮއި ކުރައްވާފައެވެ.