ޚަބަރު

އިސްރާއީލާ ދެކޮޅަށް އައިސީޖޭއަށް މައްސަލަ ހުށަހެޅުމުން ރާއްޖޭން މަރުޙަބާ ކިޔައިފި


  • އިސްރާއީލުގެ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލި

  • މައްސަލަ އަވަސް ކުރުމަށް އައިސީޖޭއަށް ގޮވާލި

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމުން ދިވެހިރާއްޖެއިން އެ ނިންމުމަށް މަރުޙަބާ ކިޔައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމު ކުށްވެރިކޮށް ދެކުނު އެފްރިކާއިން މައްސަލަ ހުށަހެޅީ 1948 ވަނަ އަހަރު އެކުލަވާލާފައިވާ ގަތުލްއާންމު މަނާ ކުރުމާއި، އެކަން ކުށްވެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އިސްރާއީލުން ޚިލާފުވެފައިވާ ކަމަށްބުނެއެވެ. އެ މައްސަލަ އެ ޤައުމުން އައިސީޖޭއަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު 29 ގައެވެ.

ދެކުނު އެފްރިކާގެ ނިންމުމަށް މަރުޙަބާ ވިދާޅުވެ ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ކުށެއް ނެތް އެތައް ހާސް ރައްޔިތުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބެލުމެއް ނެތި، ގަތުލްއާންމު މަނާ ކުރާ މުއާހަދާއާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރައްވާކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ދިވެހި ސަރުކާރުން ވަނީ އިސްރާއީލުގެ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައި، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލުމަށް ވެސް ގޮވާލައިފައެވެ. އަދި ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލަ އަވަސްކޮށް، ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ޙައްގުތަކަށް އަރައިގެންފައިވާ ފަރާތްތަކަށް އޭގެ ޙައްގު އަދަބު ދިނުމަށް ވެސް ރާއްޖޭން ވަނީ އައިސީޖޭ އަށް ގޮވާލާފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށިތާ ތިން މަސް ދުވަސްވެފައިވާއިރު މިހާތަނަށް ފަލަސްތީނުގެ 22،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ވެސް ދަނީ ކުރަމުންނެވެ.