އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް، އައިއޭއެސްއެލްއިން މޯލްޑިވިއަންގެ އިންޓަރނޭޝަނަލް ދަތުރުތަކަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ހޯދުމަަށް ޢިއުލާންކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން ރާއްޖޭން ބޭރުގެ ދަތުރުތައް ކުރުމަށް އެއާބަސް އޭ330-200 މަރުކައިގެ މަތިންދާބޯޓެއް ހޯދުމުގެ ގޮތުން ރާއްޖޭން ބޭރުން ބިޑް ހުށައަޅަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށައެޅުމުގެ ފުރުސަތަށް ވަނީ ހުޅުވާލައިފައެވެ. އެއީ 275 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. ބިޑް ހުށައެޅުމުގެ ގައިޑްލައިންތައް އައިލެންޑް އޭވިއޭޝަނުން ޢާންމުކޮށްފައިވާ އިޢުލާންގައި ބަޔާންކޮށްފައިވެއެވެ. ބިޑް ހުށައެޅުމުގެ ސުންގަޑިއަކީ 18 ޖެނުއަރީ 2024 ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން ހުޅުވާލި ބީލަމަކީ ފަސް އަހަރުގެ މުއްދަތަށް ބޭރުގެ މަތިންދާބޯޓެއް މޯލްޑިވިއަނުން ކުއްޔަށް ބޭނުންކުރުމުގެ ގޮތުން މަތިންދާބޯޓު ދޫކުރެވޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުޞަތެކެވެ. އެ ކުންފުނިން ވައިޑް ބޮޑީ މަތިންދާބޯޓެއް ހޯދަނީ މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ އުދުހުންތައް އިތުރުކުރުމުގެ މަޤްޞަދުގައެވެ.
ކުއްޔަށް ނަގައި މަތިންދާބޯޓު މެދުވެރިކޮށް ކުރާ ހުރިހާ ބައިނަލްއަޤްވާމީ އުދުހުންތަކެއްގެ ޚަރަދު މޯލްޑިވިއަނުން ބަލަހައްޓާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ފާހަގަކުރެއްވިއެވެ. އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ މަތިންދާބޯޓު ހަމަޖެހުމުން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އޭގެ އިތުރުން އެ މަތިންދާބޯޓާއެކު ގިނަ ޢަދަދެއްގެ ދަތުރުވެރިން ގޮވައިގެން ދަތުރުކުރެވޭނެ ފުރުޞަތު ފަހިވެގެން ދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ފާހަގަކުރެއްވިއެވެ.
ބޭރުގެ އުދުހުންތައް އިތުރު ކުރުމުގެ މުހިންމު މަޤްސަދުގައި އައިލެންޑް އޭވިއޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު މަތިންދާބޯޓުތައް ދަނީ އިތުރުކުރަމުންނެވެ. އެ ގޮތުން ބައިނަލްއަޤްވާމީ އުދުހުންތައް ވީހާވެސް އިތުރުކޮށް، އިތުރު މަންޒިލްތަކަށް ދަތުރުކުރެވިގެން ދިއުމަކީ އެ ކުންފުނިން ހާޞިލްކުރަން ބޭނުންވާ ވަރަށް ބޮޑު ލަނޑުދަނޑިއެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވެއެވެ.