ޚަބަރު

ގެއްލުނީ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު، މައިންބަފައިން ފުން ހިތާމައެއްގެ ތެރޭގައި


  • ނައީޝް ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ދަނީ ކުރަމުން

  • ކަނޑުމަގުންނާއި ވައިގެ މަގުން އޭނާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް ފެނިފައެއް ނުވޭ

  • މައިންބަފައިން ތިބީ އޭނާ ދިރިހުއްޓާ ފެންނާނެ އިރެއްގެ އިންތިޒާރުގައި

ގެއްލިގެން ހޯދަމުންދަނީ އާއިލާގެ ދޮށްޓަށް ހުރި ފިރިހެން ދަރިފުޅެވެ. ކޮއްކޮގެ ހުރި ހަމައެކަނި ބޭބެއެވެ. މައިންބަފައިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ.

އޭނާ ގެއްލިގެން ހޯދަމުންދާތާ 2 ދުވަހަށް ވުރެ ގިނަ ވަނީއެވެ. އޭނާގެ އެއްވެސް ނިޝާނެއް އަދި އަދަށް ނުފެނެއެވެ. އޭނާ ހޯދުމުގެ އޮޕަރޭޝަންގައި ވައިގެމަގުންނާއި ކަނޑުމަގުން އަދި ޑައިވްކޮށްގެންވެސް ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. ނަމަވެސް އެކަން އަދި ކާމިޔާބެއް ނުވެއެވެ.

އުމުރުން 18 އަހަރުގެ މުހައްމަދު ނައީޝް، ސ.މަރަދޫ ކުރެދުމާގޭ އަކީ ގުރޭޑް 12 ގައި ކިޔަވަމުން އަންނަ ތޫނުފިލި އަދި ކުޅިވަރަށް މޮޅު ދަރިވަރެކެވެ. އޭނާއަކީ އާއިލާގައި އެންމެ ދޮށްޓަށް ހުރި ކުއްޖާއެވެ. ކިޔެވުމާއި ކުޅިވަރުގެ އިތުރުން މޫދަށްވެސް ނައީޝް ފަރިތައެވެ.

ހިތާމައަކީ މޫދަށް ފަރިތަ އެތައް ބަޔަކު ހިތާމަވެރި ހާދިސާތަކާއި ކުރިމަތިލާންޖެހޭކަމެއެވެ. ހާދިސާ އަކީ ހަމައެކަނި އެކަމުން ސަލާމަތްނުވެވޭ ފަދަ މީހުނަށް ކުރިމަތިވާ ކަމެއް ނޫނެވެ. ނައީޝް ގެއްލުނު ހިސާބަކީ ވަރަށް އޮއިބާރު ސަރަހައްދެއްކަމަށް ވެއެވެ.

ނައީޝް ގެއްލުނު ކަން ރިޕޯޓުކޮށްފައިވަނީ 21 ޑިސެންބަރު ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:10 ހާއިރުއެވެ. އޭނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓެއް ކަމަށް ވެއެވެ. ގެއްލުނު ރޭގައި ނައީޝް ދިޔައީ އޭނާގެ އެކުވެރި 3 ރައްޓެހިންނާއެކު ސ. ގަމުގެ ފުއްޓަރު ފަރާތަށް މޫދަށް އެރުމަށެވެ. އެ ސަރަހައްދުގައި ވަޅުގަނޑުތައް ގިނަކަމުން ގެނބުމުގެ ބިރުވެރިކަން އޮވެއެވެ.

ޒުވާން ކުދިންތަކެއް މަޖާކޮށް ހިތްހަމަޖައްސާލުމަށް މޫދަށް އެރުމަށް ދިޔަ އެފަދަ އުފާވެރި ރެޔެއްގައި ހީނުކުރާ ގޮތަކަށް ގާތް އެކުވެރިޔަކު ގެއްލޭނެ ކަމާމެދު ހިތަށް އަރާނެ ކުއްޖަކު އެވަގުތަކު ނުހުންނާނެކަން ކަށަވަރެވެ. ނައީޝްއާއެކު އޭނާގެ ގާތް ރަހުމަތްތެރިންތަކެއް ގަމުގެ ފުއްޓަރު ފަރާތަށް އެރުނީ މަސް ހިފުމަށެވެ. އެއީ އެމީހުން ޢާންމުކޮށްވެސް ކޮށްއުޅޭ ކަމެކެވެ.

އެ ހާދިސާއެނގޭ މީހަކު ކިޔައިދިން ގޮތުގައި އެރޭ ކުއްލިއަކަށް ހުރިހާ ކުދިން އޮޔާ ދަމާލީ އެއްފަހަރާއެވެ. އެންމެންވެސް މަސައްކަތްކުރީ ސަލާމަތްވެވޭނެ މަގެއް ފެނޭތޯއެވެ. ނަމަވެސް ބިރުވެރި އެވަގުތުކޮޅު ނައީޝް ސަލާމަތްވުމަށް އެދި ގޮވި އަޑު ދެންތިބި ކުދިންނަށް އިވުނެވެ. އަމިއްލަ ސަލާމަތް ހޯދަމުންވެސް ނަޢީޝްގެ އަތުގައި ހިފޭތޯވެސް އެކުދިން މަސައްކަތްކުރިއެވެ. ނަމަވެސް އަތުގައި ނުހިފުނެވެ. މި ހާިދސާއިން ސަލާމަތްވި ކުދިން އަވަސްވެ ގަތީ އެ ހާދިސާ ރިޕޯޓުކުރާށެވެ.

މި ހާދިސާ ހިނގިތާ ދެ ދުވަސް ފާއިތުވިނަމަވެސް ނައީޝްގެ އާއިލާއިން އަދިވެސް އޭނާ ދިރިހުއްޓާ ފެނުމުގެ އުންމީދު ކަނޑާނުލައެވެ. ނަމަވެސް ދިރިހުއްޓާ ފެނުމުގެ ނަސީބު ލިބުން އެދި ދުޢާކުރުން ނޫން ގޮތެއް ނެތެވެ. އެ ގެއްލުނީ މައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ.

ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ހެޔޮ ހާލުގައި ފެނުމަށް އެހެން މައިންބަފައިންނެކޭ އެއްފަދައިން ނައީޝްގެ މައިންބަފައިންވެސް ތިބީ ނައީޝް ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ. އުންމީދުކަނޑާލުމެއް ނެތިއެވެ. ދަރިޔަކު އެފަދަ ގޮތަކަށް ލޯ ކުރިމަތިން ގެއްލުމުން އެކަމުގައި ހުރި ވޭން އިހުސާސްވާނީ އެފަދަ ކަމެއް ތަޙައްމަލު ކުރަމުންދާ މީހަކަށެވެ. މިއަދު ނައީޝްގެ މައިންބަފައިން އެތިބީ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ގެއްލުމުގެ ސަބަބުން ފުން ހިތާމައެއްގެ ތެރޭގައެވެ.

ނައީޝް ދިރިހުއްޓާ ފެނުމަށް އެ ދަރިފުޅުގެ ލޯބިވާ މައިންބަފައިން ހާދަ އުންމީދެއް ކުރާނެއެވެ. އުންމީދަކީ ނައީޝް ދިރިހުއްޓާ ފެނުމެވެ. ހެޔޮ ޙާލުގައި މައިންބަފައިންގެ ލޮލަށް އެމީހުންގެ ދަރިފުޅު ފެނުމެވެ. އެމީހުން ކުރަމުންދާ ހިތާމައަށް ލުޔެއް ލިބޭނީ އެދަރިފުޅު ހެޔޮ ޙާލުގައި ފެނުމުންނެވެ.