ޚަބަރު

އދ.ގެ ޤަރާރާ އެއްގޮތަށް ޣައްޒާއަށް އެހީދެވޭނެ މާޙައުލެއް ޤާއިމްކުރެވޭނީ ޙަމަލާތައް ހުއްޓުވައިގެން: ރައީސް


  • އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ޤަރާރެއް ފާސްކޮށްފައި

  • އެއީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޯށްދިނުމަށް ބާރުއެޅުމަށް

  • ނަމަވެސް އެހީ ފޯރުކޮށްދެވޭނެ ގޮތެއް ޤަރާރުގައި ނެތް

  • ޙަމަލާ ހުއްޓުވައިގެން މެނުވީ އެހީ ދެވޭނެ މާހައުލެއް ނެތް

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި ޙާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް އދ،.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރާ އެއްގޮތަށް ކުރިއަށްދެވޭނީ ހަމަލާތައް ހުއްޓުވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރެއްވި ޤަރާރަކީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން އިތުރުކުރުމުގެ މިސްރާބަށްދިއުމަށް ގެންދިއުމަށް އެޅި ރަނގަޅު ފިޔަވަޅެއްކަމަށެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ރައްކާތެރިކަމާއެކު ފޯރުކޯށްދެވޭނެ މާހައުލެއް އަދިވެސް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރާއްޖެއިން އުންމީދު ކުރަނީ، އދ.ގެ ޤަރާރަށް އެއްގޮތަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މާހައުލެއް ޤާއިމްކޮށް، ޙަމަލާތައް ހުއްޓުވުމަށް އެޅެންއޮތް އެންމެ ހަރުދަނާ ފިޔަވަޅުތައް އަޅައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުން މަސައްކަތް ކުރާނެކަންކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުގައި ޔަހޫދީންގެ ޢުދުވާނާ ގުޅޭ ގޮތުން އޮތީ، ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން ހުއްޓާލުމަށް މަސައްކަތް ކުރެވޭނެ މާޙައުލެއް ގާއިމު ކުރުމަށެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓައިލަން، ނުވަތަ ހުއްޓުވަން ގޮވައިލާފައެއް ނެތެވެ. މިއީ، އެމެރިކާއިން މަޖުބޫރު ކުރުވައިގެން ޤަރާރަށް ގެނެސްފައިވާ ބަދަލުތަކެކެވެ. މި ކަމުން ވެސް ދޭހަކޮށްދެނީ، ޔަހޫދީންގެ ޢުދުވާނަކީ އެމެރިކާގެ ފުރިހަމަ ތާޢީދާއި، އެހީތެރިކަމާ އެކު ހިންގަމުންދާ ޢުދުވާނެއް ކަމެވެ.

ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން އިތުރު ކުރުމަށް ޤަރާރުގައި ގޮވައިލާފައިވީ ނަމަވެސް، އެކަން ކުރެވޭނެ ގޮތެއް ނެތް ކަމުގައި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ބުނެއެވެ. ސަބަބަކީ، ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޢުދުވާނެވެ. ހުއްޓުމެއް ނެތި ޣައްޒާއަށް ބޮންއަޅަމުންދާތީ، ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމުގައި އދގެ އިދާރާތަކާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ދަނީ ބުނަމުންނެވެ.