ޚަބަރު

ޣައްޒާގައި ދުވަސްނުފުރާ ވިހާ ކުދިން އިތުރުވަނީ


ފަލަސްޠީނުގެ ޣައްޒާގެ ދެކުނުގެ ޚާން ޔޫނުސްގައި ހުންނަ ނާޞިރު މެޑިކަލް ކޮމްޕްލެކްސްގެ އަލް-ތަޙްރީރު ހަސްފަތާލުގައި، ދުވަސްނުފުރާ ވިހާ ކުދިންނަށް ފަރުވާދޭ ޔުނިޓުގެ ޖާގައަށްވުރެ އިތުރަށް ކުދިން އެޑްމިޓްކުރަން ޖެހި، ޚިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ދަރްވީޝް އަބޫ އަލް-ޚައިރު "ޤުދުސް ޕްރެސް"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، 2000 ވަނަ އަހަރު އެ ޔުނިޓު ޤާއިމުކުރި ފަހުން މިހާ ބޮޑަށް ބާރުބޮޑުވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު އެކަނިވެސް ދުވަސްނުފުރާ ވިހެއި 10 ކުދިން އެޑްމިޓްކޮށްފައިވާ ކަމަށާއި، މިއާއެކު އެ ޔުނިޓުގައި މިވަގުތު ފަރުވާދެމުންދާ ތުއްތުކުދިންގެ ޢަދަދު 54 އަށް އަރާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މިއީ އެ ޔުނިޓުގެ ޖާގައިގެ ނިސްބަތަށް ބަލާއިރު ގާތްގަނޑަކަށް 200 އިންސައްތަ އިތުރު ޢަދަދެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަސްފަތާލަށް ބޭނުންވާ ޒަރޫރީ ބޭހާއި އޮކްސިޖަން ލިބުމުގައި ބޮޑެތި ހުރަސްތަކެއް ހުރުމުގެ އިތުރުން، ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، އެއް އިންކިއުބޭޓަރަކުން އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ފަރުވާދިނުމަށް ޑޮކްޓަރުންނަށް ވަނީ މަޖުބޫރުވެފައެވެ.

މި ޔުނިޓަށް ބާރުބޮޑުވަމުން މިދަނީ، ދުވަސްނުފުރާ ވިހާ ކުދިންނާއި އުފަންވާއިރު ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނިސްބަތް އިންތިހާއަށް އިތުރުވަމުންދާތީއެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި މީގެ މައިގަނޑު ސަބަބަކީ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ހިންގަމުންދާ ޤަތުލުއާންމުގެ ސަބަބުން ރަނގަޅު ކާނާ ނުލިބުމާއި، މާބަނޑު އަންހެނުންގެ ޞިއްޙީ ޙާލަތު ދަށްވުމުގެ އިތުރުން، ކުރިމަތިވެފައިވާ ދަތި އަދި ބިރުވެރި މާޙައުލެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މުޅި ސަރަޙައްދުގެ ޞިއްޙީ ނިޒާމުގައި ބޭހާއި، ވަޞީލަތްތަކާއި އެހެނިހެން ސިއްޙީ އާލަތްތައް މިހާރު ވަނީ އެކީގައި ހުސްވާން ކައިރިވެފައެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޯގަސްޓް މަހު އެކަނިވެސް ޣައްޒާގައި 5,493 ކުދިން ވަނީ އުފަންވެފައެވެ. މިއީ މިއަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް އެންމެ ގިނައިން ކުދިން އުފަންވި ކަމަށް ރެކޯޑުކުރެވުނު ޢަދަދެވެ.

ގެދޮރު ގެއްލުމާއި، ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ އިތުރުން، ބޭސްފަރުވާގެ ސާމާނު ލިބުމުގައި ހުރި ދަތިތަކާއެކުވެސް، ޣައްޒާގެ ހަސްފަތާލުތަކުން ދަނީ ނުހަނު ދަތި އަދި ނުރައްކާތެރި ޙާލަތެއްގައި ތިބެ، ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ސިއްޙީ ފަރުވާދޭން މަސައްކަތް ކުރަމުންނެވެ.