ޚަބަރު

ކުވައިތުގެ އަމީރުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން މިރޭ ރާއްޖޭގައި


  • ކަށުނަމާދު އޮންނާނީ މިރޭ ޢިޝާ ނަމާދަށްފަހު

  • ވީހާވެސް ގިނަ ބަޔަކު، ކަށުނަމާދުގައި ބައިވެރިވުމަށްވަނީ އެދިވަޑައިގެންފައި

  • ކުވައިތުގެ އަމީރު ޝެއިޚް ނަވާފް އަވަހާރަވީ އިއްޔެގެ ވަގުތެއްގައި

ކުވައިތުގެ ޢަމީރު ޝެއިޚް ނަވާފް އަލް އަޙްމަދު އަލް ޞަބާޙްގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ޝެއިޚް ނަވާފް އަލް އަޙްމަދު އަލް ޞަބާޙްގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ޢިޝާނަމާދަށްފަހު މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޘަމުގައެވެ.

މިކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިންވަނީ އެދިވަޑައިގެންފައެވެ.

ކުވޭތުގެ އަމީރު ޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ވަލީއަޙުދު އައްޝައިޚް މިޝްޢަލް އަލްއަޙްމަދު އަލްޖަބާރުއަށް ރައީސުލްޖުމްހޫރިއްޔާވަނީ ތަޢުޒިޔާގެ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި ޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙްއަކީ ދުރުވިސްނުން ގެންގުޅުއްވި، ސާބިތުކަމާއެކު އެޤައުމާއި ރައްޔިތުންގެ ޙައްޤުގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވި އޯގާތެރި ޚިދުމަތްތެރި ލީޑަރެއްގެ ގޮތުގައި ސިފަކުރައްވައި، އެ މަނިކުފާނުގެ ޚިދުމަތުގެ ފޮނި މާޒީ ކުވޭތުގެ ކުރިއެރުމާއެކުއެކީގައި ހަނދުމަ އައުކުރެވިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުވެސް، ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ފުން ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

ޝައިޚް ނަވާފް އަވަހާރަވުމުގެ ހިތާމައިގައި، އަންނަ މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.

ކުވައިތުގެ ޢަމީރު ޝެއިޚް ނަވާފް އަލް އަޙްމަދު އަލް ޞަބާޙް އަވަހާރަވީ އިއްޔެއެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 86 އަހަރެވެ. ޝައިޚް ނަވާފް ކުވައިތުގެ އަމީރުކަމުގެ ހުވާ ކުރެއްވީ ކުރީގެ ރައީސް އަލްމަރުޙޫމް ޝައިޚް ޞަބާޙް އަލް އަޙްމަދު އަލް ޞަބާޙް 2020 ވަނަ އަހަރު އަވަހާރަވުމުންނެވެ. ޝެއިޚް ނަވާފް މީގެ ކުރިން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކުވައިތުގެ ދިފާޢީ ވަޒީރުކަން ހިމެނެއެވެ.

ޝެއިޚް ނަވާފް އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. ޝެއިޚް ނަވާފް އަވަހާރަވުމުން ކުވައިތުގެ އަމީރަކަށް ދެން ވަޑައިގަންނަވާނީ ޢުމުރުން 83 އަހަރުގެ ޝެއިޚް މިޝްޢާލް އަލް އަޙްމަދު އަލް ޖާބިރެވެ.