މިއަދު ބޭއްވި 4 ބައި-އިލެކްޝަންގެ ތެރެއިން، 3 ގޮނޑި ޕީޕީއެމްއިން އަދި 1 ގޮނޑި އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓް ކާމިޔާބުކޮށްފިއެވެ.
ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 8 އިން ހަވީރު 4އަށެވެ. އިލެކްޝަންސް ކޮމިޝަނުންވަނީ މިގޮނޑިތަކުގެ ވަގުތީ ނަތީޖާ ހާމަކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ހއ. ކެލާ ކައުންސިލްގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއާއި، ނ. މާފަރުން ކައުންސިލްގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއާއި، ނ.މާފަރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް އިންތިޚާބުވެފައިވަނީ ޕްރޮގްރެސިވް ކޯލިޝަން އޮފް މޯލްޑިވްސް ޕީޕީއެމްގެ ކެންޑިޑޭޓުންކަމަށެވެ. އދ.ހަންޏާމީދޫގެ ކައުންސިލުން ހުސްވެފައިވާ މެންބަރުގެ ގޮނޑިއަށް ހޮވިފައިވަނީ އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓެއްކަމަށް ޙަބީބް ވިދާޅުވިއެވެ. ޙަބީބު ވިދާޅުވީ، ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިޢުލާނުކުރައްވާނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ހއ. ކެލާ ކައުންސިލްގެ އަންހެން މެމްބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ޚަދީޖާ މަޢުރިފާއެވެ. އޭނާއަށް ލިބުނީ 402 ވޯޓެވެ. ނ.މާފަރު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަބޫބަކުރުއެވެ. އޭނާއަށް ލިބުނީ 239 ވޯޓެވެ. އދ.ހަންޏާމީދޫގެ ބައި އިލެކްޝަން ކާމިޔާބުކުރީ އަމިއްލަ ގޮތން ވާދަކުރި ކެންޑިޑޭޓް މުހައްމަދު ޔާސިރުއެވެ. އޭނާއަށް ލިބުނީ 212 ވޯޓެވެ. ނ.މާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މަރިޔަމް ޝާތިރާއެވެ. އޭނާއަށް ލިބުނީ 217 ވޯޓެވެ.
މާލޭގައި މިއަދު ވޯޓުލުން ކުރިއަށްދިޔައީ ދަރުބާރުގޭގައެވެ. ރަށްރަށުގައި، އެރަށެއްގެ ސްކޫލްތަކުގައެވެ.
މީގެ އިތުރުންވެސް އިތުރު ބައި-އިލެކްޝަންތަކެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، އަންނަ ޖެނުއަރީ 13ގައި މާލެ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާއި، މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނެއެވެ. އަދި ހަމަ އެ ދުވަހު، މ.މުލަކު ޑަބްލިއުޑީސީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ވެސް ބައި-އިލެކްޝަނެއް އޮންނާނެއެވެ.