މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެރި އެންމެހައި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ދުވަހުގެ ގޮތުގައެވެ. ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދުލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަސް ފާހަގަ ކުރެވިފައިވަނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މީލާދީން 18 އޭޕްރީލް 1980 ގައެވެ. 1166 ވަނަ އަހަރު ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވި ތާރީޚެވެ.
ފަޚުރުވެރި ހުރަވީ ދުވަހުގެ ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން! pic.twitter.com/hulsGQbCv2
— Dr Mohamed Muizzu (@MMuizzu) December 16, 2023
ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަނުކުރާތާ ގިނަ އަހަރުތަކެއް ފާއިިތުވެފައިވާއިރު، ސަރުކާރުން މިއަހަރު ވަނީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޕްރޮގްރާމްތަކެެއް ރާވާފައެވެ. އެގޮތުން ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޚާއްސަ ކުޑަކުދިންގެ ހަވީރެއް ވަނީ ފާހަގަކޮށްފައެވެ.
މި ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ރާއްޖޭގެ އެންމެ މަތީ ވެރިއަކު ހުރަވީ ދުވަހުގެ ޖަލްސާގައި އެންމެފަހުން ބައިވެރިވެވަޑައިގަތީ، ކުރީގެ ރައީސް މަޢުމޫންގެ ޒަޢާމަތުގައެވެ. އެއީ މީގެ 20 އަކަށް އަހަރު ކުރިންނެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، "ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު"ގެ ނަމުގައި ދޮންބަންޑާރައިންގެ ޝަޚުސިއްޔަތާއި ދޮންބަންޑާރައިންގެ ޖިހާދުގެ ޒިކުރާ އައުކުރުމުގެ މަޤުސަދުގައި މައުރަޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މައުރަޒު ކުރިއަށްދާނީ މި މަހުގެ 17 އިން 21 ގެ ނިޔަލަށްކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ ދިވެހި ޤައުމުގެ އެންމެހާ މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީ ގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެބަޠަލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި، ޖޯޝް ދިވެހި ހިތްތަކުގައި ދިރުވާ ދެމެހެއްޓުމުގެ ގޮތުންނެވެ. ހުރަވީ ދުވަސް ނިޞްބަތްވާ ބަޠަލު ދޮންބަންޑާރައިންގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) އެވެ. ކޮލީ ނަންފުޅަކީ ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ.