ޚަބަރު

ޗައިނާއާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • އިޤްތިޞާދާއި، ވިޔަފާރީގެ ދާއިރާއިން މަތީ ފެންވަރުގެ މުޢާމަލާތްތައް ކުރިއަށްގެންދިއުމަށް މަޝްވަރާކުރެއްވި

  • ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ޗައިނާއާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިމަޝްވަރާތައް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުހައްމަދު ލަތީފް މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޔުނާން ޕްރޮވިންޝަލް ކޮމިޓީގެ ސެކްރެޓަރީ ވަންގް ނިންގއާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޔުނާން ޕްރޮވިންޝަލް ކޮމިޓީގެ ސެކްރެޓަރީ މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާފައިވަނީ، ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންނެވެ. އެގޮތުން ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ތިމާވެއްޓާ ރަށްޓެހި ހަކަތައާއި، މަތީ ތަޢުލީމާއި، ކުޅިވަރާއި، އިޤްތިޞާދާއި، ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި މަތީ ފެންވަރުގެ މުޢާމަލާތްތައް ކުރިއަށްގެންދިއުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުކީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަދު ވާހަކަފުޅު ދައްކަވާފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.