ޚަބަރު

ތަޖުރިބާ ޙިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހާއި، ނޮދަރން އަޔަލެންޑް އެސެމްބްލީގެ ޕްރޮގްރާމެއް


  • 4 ދުވަހަށް ކުރިއަށްދާ "ޕިއަރ-ޓު-ޕިއަރ އެކްސްޗޭންޖް ޕްރޮގްރާމް"އެއް

  • މިއީ ތަޖުރިބާ ޙިއްސާކުރުމުގެ ދަތުރެއް

  • މަޖިލީހުގެ ރައީސާ ބައްދަލުކުރެއްވި

ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީއާއި އަދި ނޮދަރން އަޔަލެންޑް އެސެމްބްލީ ގުޅިގެން ރާއްޖޭގައި މަސައްކަތްތަކެއް ފަށްޓަވައިފިއެވެ.

4 ދުވަހަށް ކުރިއަށްދާ "ޕިއަރ-ޓު-ޕިއަރ އެކްސްޗޭންޖް ޕްރޮގްރާމް"ގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާއި ނޮދަރން އަޔަލެންޑްގެ ޤާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ތަޖުރިބާ ޙިއްސާކުރުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ނޮދަރން އަޔަލެންޑްގެ ޤާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޒިޔާރަތްކޮށް މަޖިލީހުގެ އެކި އެކި މަސައްކަތްތައް ކުރިއަށް ދާ ގޮތް ބައްލަވާލެއްވިއެވެ.

މި މަސައްކަތުގެތެރެއިން ނޮދަރން އަޔަލެންޑްގެ ޤާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމާވެސް ބައްދަލުކުރައްވާފައެވެ. ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޤާނޫނުގެ ހެދުމުގެ މަސައްކަތްތައް ބައްޓަންކޮށްފައި އޮންނަ ގޮތުގެ މައްޗަށް އަލިއަޅުވާލާ މަޝްވަރާކުރެއްވިއެވެ.

މި ޕްރޮގްރާމްގެ މައިގަޑު މަޤްސަދަކީ ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތުގެ މަޢުލޫމާތުތައް ޙިއްސާކޮށް މަޝްވަރާކުރުމެވެ. އެގޮތުން، ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އަމަލުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ދެފުށް ފެންނަގޮތަށް މަޖިލީހުގެ މަސައްކަތްތައް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތާއި، ކޮމިޓީތަކުގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ތަޖުރިބާ ޙިއްސާކުރިއެވެ. އަދި، ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކާއި، ވެބްސައިޓު އަދި ސޯޝަލް މީޑިއާގެ ބޭނުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރިއެވެ.

"ޕިއަރ-ޓު-ޕިއަރ އެކްސްޗޭންޖް ޕްރޮގްރާމް"ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން ނޮދަރން އަޔަލެންޑްގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.