ޚަބަރު

ޑިމޮކްރެޓްސް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި ޙަސަން ލަޠީފް


  • ރައީސްކަމަށް ވާދަކުރެއްވީ ޙަސަން ލަޠީފާއި، ޙުސައިން ޢަމްރު

  • ވަގުތީ ނަތީޖާ ދައްކަނީ ކުރީގައި އުޅެނީ ޙަސަންކަމަށް

  • 3 ނައިބު ރައީސުންވެސް އިންތިޚާބުކުރޭ

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ މިހާތަނަށް ގުނި ވޯޓުގެ ނަތީޖާއިން އެޕާޓީގެ ރައީސްކަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފު ކާމިޔާބުކުރައްވާނެކަމަށް ބެލެވެން ފަށައިފިއެވެ.

އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދި އެޕާޓީ ދެބައިވެގެން އުފެއްދި، ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި ޙަސަން ލަޠީފާއެކު، ރައީސްކަމަށް ވާދަކުރައްވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި އެޕަޓީގެ ރަނިންމޭޓަކަށް ނިކުންނެވި ޙުސައިން ޢަމްރެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 10:00އިން ހަވީރު 16:00އާއި ހަމައަށެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ޙަސަން ލަޠީފް ކުރީގައި އުޅުއްވަނީ އަމްރުއަށްވުރެ ސަތޭކައަށްވުރެ ގިނަ ވޯޓާއެކުއެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމުގެ އިތުރުން އެހެން މަޤާމުތަކަށްވެސް ބޭފުޅުން އިންތިޚާބުކުރުން ކުރިއަށް ގެންދިޔައެވެ. އެގޮތުން އެޕާޓީއަށް 3 ނައިބު ރައީސުން އިންތިޚާބުކުރާނެއެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ޒުވާނުންނަށް ޚާއްޞަ އެޕާޓީގެ ނައިބު ރައީސްގެ މަގާމަށް، ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ކުރީގައި އުޅުއްވަނީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ. އޭނައާއި ވާދަކުރެއްވީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރުއެވެ. އަންހެނުންނަށް ހާއްސަކޮށްފައިވާ ނާއިބު ރައީސްގެ ދާއިރާއިން ކުރީގައި އުޅުއްވަނީ އައިޝަތު އަލައިކާއެވެ. އޭނާއާއި ވާދަކުރެއްވީ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު ރީނޫ ނާޒިމެވެ.

ޑިމޮކްރެޓްސްއިން މަޢުލޫމާތު ދިންގޮތުގައި އެޕާޓީގައި ޖުމްލަ 1043 މަޤާމަށް މީހުން ހޮވާއިރު މީގެ ތެރެއިން 271 މަޤާމަކަށް މީހުންވަނީ އިންތިޚާބުވެފައެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 5883 ފަރާތަކަށް ލިބޭކަމަށް އެޕާޓީން ބުނެފައިވެއެވެ.