އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވައިފިއެވެ އެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވަނީ އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާއިއެކު ބޭއްވެވި މަޝްވަރާތަކުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލައްވާފައިވަނީ، ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭ ދާއިރާތައް ކަމަށްވާ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރު ގެސްޓޮން ބްރައުން ވަނީ، 2024 ވަނަ އަހަރުގެ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ ކޮންފަރެންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސްގައި ބައިވެރިވެވަޑައިގަތުމަށް ރައިސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ދެއްވާފައެވެ.
ދެ ބޭފުޅުން މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެޤައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.
ދިވެހިރާއްޖެ އާއި އެންޓިގުއާ އެންޑް ބާބިއުޑާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީ 2002 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ.