މޫސުމީ ގެއްލުމަށް ބަދަލު ދޭ 'ލޮސް އެންޑް ޑެމޭޖު' ފަންޑެއް އެކުލަވާލުމަކީ ރާއްޖެފަދަ ޤައުމުތަކަށް ލިބިގެންދިޔަ އުންމީދެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ކޮޕް28 ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮޕް28 ސަމިޓް ކުރިއަށްދަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައެވެ. މި ސަމިޓް 12 ޑިސެމްބަރާއި ހަމައަށް ކުރިއަށްދާނެއެވެ. މިއަހަރުގެ ސަމިޓްގައި 160 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ސަމިޓްގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ކޮޕް ސަމިޓްގެ ތެރެއިން ރާއްޖޭގެ އަޑު އުފުލުމަށް ލިބުނު ފުރުސަތަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ފަންޑެއް ކަނޑައެޅުމަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށާއި އަދި މޫސުމީ ބަދަލުތަކުން އަސަރުކުރާ ޤައުމުތަކަށް ލިބިގެންދިޔަ އުންމީދެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"ރާއްޖެ ފަދަ އެސްއައިޑީއެސް (ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް)އަށް މިއީ ވަރަށް މުހިންމު ވަގުތެއް،" މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުން ރާއްޖެއަށް ބޮޑެތި އަސަރުތުތަކެއް ކުރަމުންދާއިރު މިފަދަ ޤައުމުތަކުގެ ދިރިހުރުން ގުޅިފައިވަނީ ބޮޑެތި ގައުމުތަކުން ނިންމާ މިފަދަ ނިންމުންތަކުގެ ސަބަބުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަރާފައިވާ ޤައުމުތަކުން މި ފަންޑަށް އެހީތެރިވުވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވަނީ އަލުއަޅުވާލައްވާފައެވެ. ރާއްޖެއަކީ އަބަދުވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކައި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައިވެސް މި މައްސަލައިގައި އަޑުއުފުލަމުންދާ ޤައުމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
The adoption of the decision to operationalise the Loss and Damage Fund, along with the funding arrangements on the first day of #COP28 shows the global dedication in the fight against Climate Change. This is a pivotal moment for SIDS like the Maldives.@UNFCCC @AOSISChair…
— Thoriq Ibrahim (@Thoriqibrahim) November 30, 2023
މޫސުމީ ގެއްލުމަށް ބަދަލު ދޭ 'ލޮސް އެންޑް ޑެމޭޖު' ފަންޑު އެކުލަވާލުމަށް ނިންމި ނިންމުމަކީ، ކޮޕް ސަމިޓުގެ ތާރީޚުގައިވެސް، ފުރަތަމަ ދުވަހު މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.
މި ނިންމެވުމާއިގުޅޭގޮތުން ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުވެސް ވަނީ މިއީ ރަނގަޅު އަދި މުހިންމު ނިންމެވުމެއްކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ މި ފަންޑު އެކުލަވާލުމުގައި އިސްނެގި ޤައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.
Excellent start to #COP28UAE!
— Moosa Zameer (@MoosaZameer) November 30, 2023
The landmark decision on the operationalisation of the Loss and Damage Fund adopted at the opening plenary is a step in the right direction.
We thank the UAE for their strong leadership and initial pledge, as well as other countries which have… https://t.co/H979bqYJrg
"ލޮސް އެންޑް ޑެމޭޖު" ފަންޑު ގާއިމުކުރަން ނިންމިތާ ގަޑިއިރެއްގެ ތެރޭގައި އެކި ގައުމުތަކުން ވަނީ އެ ފަންޑަށް ފައިސާ ޖަމާކުރާނެ ކަމުގެ ޔަގީންކަންދީފައެވެ. އެގޮތުން މި ސަމިޓް ބާއްވާ ޔޫއޭއީން 100 މިލިއަން ޑޮލަރު، ޖަރުމަންވިލާތުން 100 މިލިއަން ޑޮލަރު، އިނގިރޭސިވިލާތުން 50.5 މިލިއަން ޑޮލަރު، އިތުރު އެހީގެ ގޮތުގައި 25 މިލިއަން ޑޮލަރު ޖަމާކުރާނެއެވެ. މީގެ އިތުރުން އެމެރިކާއިން 17.5 މިލިއަން ޑޮލަރު، ޖަޕާނުން 10 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރާނެކަމަށް ވަނީ ހާމަކޮށްފައެވެ.
ކޮޕް28 ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެމަނިކުފާނުގެ އަރިހުގައި، ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފްދެއްވެސް ވަނީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންފައެވެ. މިސަމިޓް ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.