އިންތިޚާބުތަކުގައި ބޭނުން ކުރަމުން އަންނަ ބޫތުތަކުގެ ޑިޒައިނަށް ބަދަލު ގެނެސް އަންނަ އަހަރު އޮންނަ މަޖިލީސް އިންތިޚާބުގައި ބޭނުންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ބޫތުތައް ހުރި ގޮތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުގެ ސަބަބުން 2 ފަހަރެއްގެ މަތިން ވަނީ ބޫތުތައް ބަހައްޓާގޮތަށް ބަދަލުގެނެސްފައެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައިވެސް ވަނީ އިންތިޚާބުތަކުގައި ބޭނުން ކުރަމުން އަންނަ ބޫތުތައް ބަހައްޓާ ގޮތުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ގިނަ އަދަދެއްގެ ބާތިލް ވޯޓު ހުރުމުން އެކަމުގެ ކަންބޮޑުވުންވެސްވަނީ ފާޅުކުރައްވާފައެވެ. އަދި މަޖިލިސް އިންތިޚާބަކީ ރިޔާސީ އިންތިޚާބަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ އިންތިޚާބަކަށް ވުމުން ބާތިލް ވޯޓު ގިނަވެއްޖެނަމަ އިތުރު މައްސަލަތަކެއް ނުކުތުމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން ކޮމިޓީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންސްގެ ސެކެޓްރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ބޫތުތައް ބަހައްޓާފައިވަނީ ޤައުމީ ލަފާދޭ މަޖިލީހުގެ ނިންނުމާ އެއްގޮތައްކަމަށެވެ. ޒަކަރިއްޔާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޫތުގެ ޑިޒައިނަށް ބަދަލުގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.
"ބޫތު ކުރިން ހުރިގޮތަށް ބެހެއްޓިއަސް ވޯޓުގެ ސިއްރުކަން ހިފެހެއްޓޭގޮތަށް ބޫތުތައް ޑިޒައިން ކުރާނީ. އެހެންކަމުން ބޫތުތައް އެހެން ހުއްޓަސް ވޯޓުގެ ސައްޙަކަން ނުގެއްލޭނެ." އިލެކްޝަންސް ކޮމިޝަންސްގެ ސެކެޓްރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ބާތިލް ވޯޓު ގިނަ ވުމުގެ މައްސަލައަށް އަލި އަޅުވާލައްވާ އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިކަމަށް ހައްލެއްގެނައުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުޢާދު ތައުފީޤް ވިދާޅުވީ ބާތިލް ވޯޓު ގިނަ ވުމުގެ މައްސަލަ ބެލުމުގެ ގޮތުން އެ ވޯޓު ކަރުދާސްތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ޤަސްދުގައި ބާތިލްކޮށްފައިވާ ވޯޓު ހުރިކަން ފުޢާދު ފާހަގަކުރެއްވިއެވެ.
"ވިސްނުން އެބަހުރި އަނެއްކާވެސް ތަމްރީން ކުރާއިރު ސައްހަ ވޯޓު އަދި ބާޠިލް ވޯޓު ކަނޑައަޅާއިރު އަމަލުކުރަންވީ ގޮތް ކިޔާދޭން. ބައެއް މީހުން އެބަހުރި ވަރަށް ހަރުކަށިކޮށް އަމަލުކޮށްފަ." އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުޢާދު ތަޢުފީޤް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބާތިލް ވޯޓުގެ ގޮތުގައި 4835 ކަނޑައަޅާފައިވެއެވެ. ދެވަނަބުރުގައި އެއަދަދު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ. ދެވަނަ ބުރުގައި ބާތިލް ވޯޓުގެ ގޮތުގައި 7888 ވޯޓު ކަނޑައަޅާފައިވެއެވެ.