ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ޒުވާނުންނަށް އަމާޒުކުރައްވައިގެން ކުރިޔަށްގެންދަވާ އެސް.އެމް.އީ ލޯނަށް އެދި ހުށަހެޅުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި ހަތަރުސަތޭކަ ސާޅިސްފަސް ޕްރޮޕޯޒަލް ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓާރގެ ނާއިބު އާދަމް ތައުފީޤު ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ލިބިވަޑައިގެންފައިވާ ޕްރޮޕޯސަލްތައް އެވުޒާރާގެ ޓެކްނިކަލް ޓީމަކުން މިހާރު އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. ލޯނަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރައްވައި، ނިމުމުން ލޯނަށް ޝަރުޠުހަމަވާ ފަރާތްތައް އޭޕްރީލްމަހުގެ ނިޔަލަށް އިޢުލާން ކުރެއްވޭވަރު ވާނެކަމަށްވެސް މިނިސްޓަރގެ ނާއިބު އާދަމް ތައުފީޤު ވިދާޅުވިއެވެ. އެވުޒާރާއިން މީގެކުރިން ވިދާޅުވީ އެސް.އެމް.އީ ލޯނަށް އެންމެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވަނީ، އޯޕަން ކެޓަގަރީއަށްކަމަށެވެ. އަންހެނުންނާއި ޒުވާނުންގެ އިތުރުން ރާއްޖެއަށް އެތެރެކުރާ މުދަލެއް ރާއްޖޭގައި ތައްޔާރުކުރަން ލޯނަށް އެދޭ ފަރާތްތަކަށާއި މާލެ، ވިލިމާލެ، ހުޅުމާލެ ނޫން ސަރަޙައްދުތަކުގައި ވިޔަފާރި ފެށުމަށް މަސައްކަތްކުރާ ފަރާތްތަކާއި ތިމާވެށި ޙިމާޔަތްކުރެވޭ ގޮތަށް މަސައްކަތްކުރަން ރާވާފައިވާ ފަރާތްތަކަށް މި ލޯނު ސްކީމްގައި އިތުރަށް މާކްސް ލިބޭނެކަމަށްވެސް އެވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން ފަސް ސަތޭކަހާސް ރުފިޔާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ގިނަ ބަޔަކު ޙިއްޞާވާ ވިޔަފާރިތަކަށް ދޫކުރައްވަން ނިންމަވާފައިވާ އެންމެ މަތީ އަދަދަކީ، 1.5 މިލިއަން ރުފިޔާއެވެ. ލޯނު ދޫކުރައްވާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ދަތުރުފަތުރާއި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެއެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއާއި ކޯޕަރޭޓިވްތަކާއި ޚިދުމަތްދޭ ފަރާތްތަކާއި ވޭސްޓްމެނޭޖްމަންޓް ދާއިރާގެ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިއަށް ލޯނު ދެއްވަންވެސް ކަނޑައަޅުއްވާފައިވެއެވެ.
މި ލޯނުގައި ރަހުނެއް ބަހައްޓަން ނުޖެހޭއިރު، ލޯނުގެ އިންޓްރެސްޓަކީ، އަހަރަކު ނުވައެއް އިންސައްތަކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެސްއެމްއީ ލޯނަކީ، ޒުވާނުންނަށް ޚާއްޞަކޮށް ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ އިޤްޠިޞާދީ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދަވާ ލޯން ސްކީމެކެވެ.