ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް ސޮއިކޮށްފައިވާ 10،000އަށްވުރެ ގިނަ މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޕީއެންސީން އަމާޒު ހިފާފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ ކުރިން އެޕާޓީގެ މެންބަރުންގެ ޢަދަދު ދިހަ ހާހަށް އިތުރުކުރުމަށެވެ.
ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބޭނީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10,000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނިކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރުމުގެ ކުރިން އެ އަދަދަށް މެންބަރުން ހަމަވާނަމަކަމަށެވެ.
މިވަގުތު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ދައްކާގޮތުގައި އެޕާޓީގައި ތިބި މެންބަރުންގެ ޢަދަދަކީ 3159އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ޕީއެންސީގެ ގިނަ ޢަދަދެއްގެ ފޯމު އެކޮމިޝަނަށް ލިބިފައިވާކަމަށެވެ. އެގޮތުން މިހާތަނަށް ފަސް ހާހަށްވުރެ ގިނަ ފޯމު ޕްރޮސެސްކޮށް ނިމިފައިވާކަމަށާއި، ޕްރޮސެސް ނުކޮށްވެސް ފަސް ހާހަށްވުރެ ގިނަ ފޯމު އެބަހުރިކަމަށެވެ.
އެހެންކަމުން ޕީއެންސީން އީސީއަށް ހުށައަޅާފައިވާ ފޯމުގެ ޢަދަދު ދިހަ ހާހަށް ވުރެ އިތުރެވެ. މިއާއެކު ބަޖެޓު ފާސްކުރުމުގެ ކުރިން ފޯމުތައް ޕްރޮސެސްކޮށް ނިމި އެޕާޓީގެ މެންބަރުންގެ އަދަދު 10000 ހަމަވާނަމަ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން އެޕާޓީއަށް ފައިސާ ލިބޭނެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހުގައި މިހާރު ދިރާސާކުރަމުން ގެންދާއިރު، މިމަސް ނިމުމުގެ ކުރިން ފާސްކުރާނެއެވެ.
Machangolhi Dhekunu Dhaaira in PNC aa gulhunu 350 memberunge form havaalu kurun.#DhiveheengeRaajje pic.twitter.com/zdjqALVMU2
— The People's National Congress (@ThePNC_mv) November 22, 2023
ޕީއެންސީން ބުނީ، ގިނަ ޢަދަދެއްގެ ބަޔަކު އެޕާޓީއާ ގުޅެމުން އަންނަކަމަށާއި، މިހާތަނަށް ފަނަރަ ހާހަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށެވެ. އަދި އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަމުން އަންނަކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީގެ މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ އެޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާފައެވެ.
ރައީސް ޔާމީން ޕީއެންސީއާމެދު އޭރު އޮތް އެއް ނުތަނަވަސްކަމަކީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ސޮއިކުރުމެވެ. ރައީސް ޔާމީން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ވިދާޅުވެފައިވަނީ ޕީޕީއެމްގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭކަމަށެވެ. ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވިނަމަވެސް އެޕާޓީގެ ލީޑާޝިޕް އޮތީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއެކުއެވެ.