އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަލާފައިވާ ބަޖެޓަށް ބަހުސްކޮށް ނިންމާލައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަައެޅުއްވީ މިމަހުގެ 14 ވަނަ ދުވަހު އޭރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި ބަޖެޓަށް ބަހުސް ފެށީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެއަށްފަހު ބަޖެޓު ދިރާސާކުރެއްވުމުގެ މަސައްކަތްވެސް މަޖިލީހުން ފެއްޓެވިއެވެ.
ބަޖެޓު ކޮމިޓީން ފާސްކޮށްފައިވަނީ ބަހުސްގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެންބަރަކަށް ވާހަކަ ދެއްކެވުމަށް 15 މިނެޓުގެ ވަގުތެއް ދިނުމަށެވެ. އަދި މެންބަރުން ދައްކަވާ ވާހަކަތަކާއި ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް މާލީ ވަޒީރަށް 45 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ. މިއާއެކު މިސަރުކާރުގެ މާލީ ވަޒީރު ވަނީ މަޖިލީހަށް ވަޑައިގެން މެންބަރުންގެ ބައެއް ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
ވަޒީރު ވިދާޅުވީ، އަންނަ އަހަރު ބަޖެޓްގެ ފައިނޭންސިން ޕްލޭނަށް ބަލާއިރު ޑެފިސިޓާއި ދަރަނި އަދާކުރުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ޓްރާންސްފަރ ހިމަނައިގެން ބަޖެޓް ފައިނޭންސް ކުރުމަށް 17.2 ބިލިއަން ރުފިޔާ ހޯދަންޖެހޭކަމަށެވެ. މީގެތެރެއިން 12.4 ބިލިއަން ހޯދުމަށް ރޭވިފައިވަނީ ބޭރުގެ ފަރާތްތަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެތެރޭގައި މަޝްރޫއުތައް މިހާރު ސޮއިކޮށްފައިވާ ލޯނުތަކުން ޚަރަދުވާނެކަމަށް ބެލެވޭ 4.7 ބިލިއަން ރުފިޔާ ހިމެނޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މާލީ ވަޒީރު ވިދާޅުވެފައިވަނީ، ޚަރަދު ކުޑަކުރުމަށް މައިގަނޑު 3 ކަމެއް ބަޖެޓްގައި ހިމަނާފައިވާކަމަށެވެ. އެއީ އިންޑައިރެކްޓް ބައެއް ސަބްސިޑީތައް ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްސަކުރެވޭގޮތަށް ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުރުމާއި، އާސަންދައިގެ ނިޒާމު ހަރުދަނާކޮށް މުރާޖާކުރުމުގެ އިތުރުން ސަރުކާރުގެ ވެލްފެއަރގެ ގޮތުގައި ޚަރަދުކުރާގޮތް ހަރުދަނާކުރުމެވެ.
މިމަހުގެ 21ގައި ބަޖެޓު ބަހުސް ފަށައި މިއަދު ބަހުސްގެ މަރުހަލާ ނިންމުމާއި ހަމައަށް ކުރިއަށް ގެންދިޔައީ އެއް ޖަލްސާއެއްގެ ގޮތުގައެވެ. ބަޖެޓުގެ ބަހުސް މަރުހަލާ ނިމުނީ މިއަދު މެންދުރު ފަހުއެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ބަޖެޓު ބަހުސް މަރުހަލާގައި ވާހަކަ ދެއްކެވީ 51 މެންބަރުންކަމަށެވެ. އަދި ބަހުސްގައި ޖުމްލަ 12 ގަޑިއިރާއި 23 މިނެޓު ހޭދަވިކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރައްވަމުން ގެންދަވާއިރު، ބަޖެޓު ބަހުސް މަރުހަލާގައި މެންބަރުން ދެއްކެވި ވާހަކަފުޅާއި، ފާހަގަކުރެއްވި ކަންކަމަށް ރިޔާތްކުރައްވާނެކަމަށެވެ. އެހެންކަމުން ބަހުސް މަރުހަލާގައި މެންބަރުން ފާހަގަކުރެއްވި ކަންކަން ކޮމިޓީއާ ހިއްސާކުރެއްވުމަށް އިދާރީ މޭޒުގައި މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ޤާނޫނުގައި ބުނާގޮތުން މިމަސް ނިމުގެ ކުރިން މަޖިލީހުން ބަޖެޓް ފާސްކުރަން ޖެހެއެވެ.