ޚަބަރު

ރައީސް ޔާމީންގެ "ޕީއެންއެފް" އުފައްދަނީ ދަރިކަލުން ޒޭންގެ ނަމުގައި


  • ޕާޓީ އުފެއްދުމުގެ 8 ބޭފުޅަކު އިސްކޮށް ހަރަކާތްތެރިވޭ

  • ރޭ ވަނީ ޕާޓީގެ ލޯގޯ އާއި ނަން ހާމަކޮށްފައި

  • މަޝްވަރާއަށްފަހު މުއައްސިސްގެ ގޮތުގައި ހަމަޖެއްސީ ޔާމީނުގެ ދަރިކަލުން ޒޭން

ސިޔާސީ މަސައްކަތް ކުރެއްވުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން، އައު ސިޔާސީ ޕާޓީ އުފައްދަނީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުالله ޔާމީންގެ ނަމުގައިކަން ހާމަކޮށްފިއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދައަށް އެދުމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން މިއަދުވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރެއްވި ޓީމުގައި އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުއެވެ. މީގެއިތުރުން ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލްވެސް ހުންނެވިއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގައި އުޅުއްވާ މުއައްސިސުން

* ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
* ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު
* ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު
* މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ
* އަދްލީ އިސްމާއީލް
* ޑރ. ޖިހާދު ހަސަން
* އަލީ އާދަމް، ކަކާގެ

" ޕާޓީ އުފެއްދުމުގައި އިސްކޮށް 8 މުއައްސިސެއް ތިއްބެވި. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕާޓީ އުފެއްދުމަށް ހުއްދަދެވޭނީ 1 މުއައްސިސަކަށް ކަމަށް. އަޅުގަނޑުމެން މަޝްވަރާކުރުމަށްފަހު ނިންމީ ރައީސް ޔާމީންގެ ދަރިކަލުންގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމަށް. އޭގެ އިތުރުން, ދެން މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ޔާމީނާއި, އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި, ކުރީގެ ސީޕީ ހުސައިން ވަހީދާއި, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަނާއި ކަކާގޭ އަލީ އާދަމް. މިޕާޓީ އުފެދުމާއެކު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑެއް މުގުރާލާނެ." މުހައްމަދު މަލީހު ޖަމާލު ވިދާޅުވިއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕާޓީ އުފެއްދުމުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޕާޓީ އުފެއްދުމުގައި އިސްކޮށް 8 މުއައްސިސުން ހިމެނޭކަމަށެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ގަވާއިދު އޮންނަ ގޮތުން ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެންމެ މީހަކަށް ދޭތީ މަޝްވަރާއަށްފަހު މުއައްސިސެއްގެ ގޮތުގައި ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ހަމަޖައްސަވާފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ. އަދި ކުށުގެ ރިކޯޑުތަކާއި އިދާރީ ކަންކަން ފުރިހަމަވީހާ އަވަހަކަށް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭނެ ކަމަށް މަލީހް ވިދާޅުވިއެވެ. މަލީހް ވިދާޅުވީ ޕާޓީ އުފެދުމާއެކު ކުރިއަށް އޮތް މާލޭސިޓީ މޭޔަރުކަމުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ރައީސް ޔާމީން އެންމެ ފަހުން ހުންނެވި ޕީޕީއެމުން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފައްދަވާކަން އެމަނިކުފާނުގެ ޓީމުން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އަދި ރޭ ވަނީ އައު ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ރައީސް ޔާމީން އުފައްދަވާ ސިޔާސީ ޕާޓީގެ ނަމަކީ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް"އެވެ. މިޕާޓީގެ ލޯގޯ އާއި ކުލަ ރައީސް ޔާމީން މީގެކުރިން އުފެއްދެވި ޕީޕަލްސް އެލަޔަންސް ނަމާއި ކުލައާއި ވަރަށް ބޮޑަށް އެއްގޮތެވެ. ޕީއެންއެފްގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހ.ހުރަފައިގައެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ވަކިވެ އައު ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕާޓީގެ ލީޑަރޝިޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ވިދާޅުވެއެވެ.