ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމުގައި އެމްއެންޕީ ދެމި އޮންނާނެކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ދަނޑިވަޅެއްގައެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ކޯލިޝަންގެ ބައިވެރިޔާ އެމްއެންޕީގެ ރައީސް ކާނަލް ރިޓަރޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ އުޖާލާ ޒަމާނަކަށް ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ޤައުމުގެ ވެެރިކަމަށް އިންތިޚާބު ކުރެއްވި ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކުު އެމްއެންޕީގެ އެންމެހާ މެންބަރުން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ހެވާއިލާބައަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ތަރައްޤީގެ މަސައްކަތުގައި ރައްޔިތުން އެއްބާރުލުންދެއްވުމުގައި ދެމިތިއްބެވުން. އަޅުގަނޑުގެ ދުޢާއަކީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުން." ނާޒިމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ތެރޭގައި އޮތް ޚިޔާލު ތަފާތުވުންތަކުގައި އެޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ މަދު ބަޔަކު އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ޕާޓީގެ ލީޑަރޝިޕާއި ގިނަ އަދަދެއްގެ ޢާންމު މެމްބަރުން ގެންދަނީ ރައީސް ޑރ. މުއިއްޒާއިއެކު ތިއްބެވިކަން ހާމަކުރައްވަމުންނެވެ.