އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރަމަޟާން މަހުގެ ފަހު 10އަކާއި ދިމާވާތީ، އޭގެ ކުރިން އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ. އެކޮމިޝަނުން މިގޮތަށް އެދިވަޑައިގަތީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު މި އަހަރުގެ މޭ 28 އަށް ހަމަވާނެއެވެ. އަދި ޤާނޫނު ބަޔާންކުރާގޮތުން 120 ދުވަހުގެ ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަންޖެހެއެވެ. އަދި 19 ވަނަ މަޖިލީހުގެ ދައުރު ހަމަވުމުމުގެ އެއްމަސްކުރިން އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަންޖެހެއެވެ. އެއީ އޭޕްރީލް 28 ވަނަ ދުވަހުގެ ކުރިންނެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ޤާނޫނުގައި ބުނާ ތާރީޚުތައް ތަރުތީބު ކޮށްލުމުން، އެންމެ އަވަހަށް ވެސް އިންތިޚާބު ބޭއްވޭނީ އަންނަ އަހަރުގެ މާރޗް 30 ގައި ކަމަށެވެ. ނަމަވެސް، އެ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ 20 ވަނަ ދުވަހާކަމަށް ޙަބީބު ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވަން ބަލާއިރު ދިމާވާ އަނެއް މައްސަލައަކީ، އޯލެވެލް އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްތަކުގެ މޮކް އިމްތިހާނު ވެސް އެ ދުވަސްވަރު ބޭއްވުމެވެ. އެ އިމްތިހާނު މާޗް މަހުގެ 17 އިން 28 އަށް ބާއްވަން ތަޢާވަލްކޮށްފައިވަނީ އިންތިހާބު ބާއްވަން ސްކޫލްތައްވެސް ނުލިބޭނެކަމަށް ހަބީބު ވިދާޅުވިއެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ޤާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ބަދަލު ގެނައުމަށް ދެ ގޮތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށައެޅިއެވެ.
އެއީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންކުރާ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިޢުލާނު ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށް އޮންނަ މުއްދަތު، 20 ދުވަހަށް ކުރު ކޮށްލުމެވެ. ޙަބީބް ވިދާޅުވީ މިގޮތަށް ކުރު ކޮށްފިނަމަ، މާރޗް 9 ގައި އިންތިޚާބު ބޭއްވިދާނެ ކަމަށެވެ. އަދި އެއީ ރަމަޟާން މަސް ފެށުމުގެ 2 ދުވަސް ކުރި ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ދެވަނަ ގޮތަކީ ދައުރު ހަމަވާން 120 ދުވަހަށް ވީމާ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް އިޢުލާނު ކުރަން ޖެހޭނެ ކަމަށް ޤާނޫނުގައި އޮތް އޮތުމަށް، ދައުރު ހަމަވާން 140 ދުވަހަށް ވީމާ އިޢުލާނު ކުރަންޖެހޭނެކަމަށް ބުނެ ބަދަލު ގެނައުމށް ހަބީބު ވިދާޅުވިއެވެ. އޭރުން އަވަހަށް އިޢުލާނުކޮށް، ރޯދަމަހުގެ ކުރިން އިންތިޚާބު ބޭއްވިދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
"30 ދުވަހުގެ މުއްދަތެއް އޮންނަން ވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނާ 30 ދުވަސް، 20 ދުވަހަށް ކުރު ކޮށްލީ. އޭރުން މާރޗް މަހުގެ 9 ވަނަ ދުވަހު އިންތިޚާބު ބޭއްވޭނެ. އޭގެ މާނައަކީ ރަމަޟާން މަސް ފެށުމުގެ 2 ވަސް ކުރިން އިންތިޚާބު ބޭއްވޭނޭ." ޙަބީބް ވިދާޅުވިއެވެ.
2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީ، އެ ކޮމިޝަންގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ބައްދަލުކުރުން pic.twitter.com/W9GG7XPVvb
— People's Majlis (@mvpeoplesmajlis) November 21, 2023
މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ ރަމަޟާން މަހު އިންތިޚާބު ބާއްވަން ޖެހިއްޖެނަމަ، ވޯޓުލާ މަރުކަޒުތައް ކައިރީ ހަރަކާތްތެރިވާ އޮފިޝަލުންނަށް އިތުރު އުޖޫރައެއް ދޭން ޖެހިދާނެ ކަމަށެވެ. އަދި ރޯދަ މަސް ވީމާ އޮފިޝަލުން ހޯދުމުގައިވެސް ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
މީގެ އިތުރުން، ފުއާދު ވިދާޅުވީ ރޯދަ މަހު އިންތިޚާބެއްގެ މަސައްކަތް ކުރުމަށް އިލެކްޝަންސްގެ މުވައްޒަފުންނަށްވެސް ދަތިވާނެ ކަމަށެވެ. ވީމާ، ރޯދަ މަހުގެ ކުރިން އިންތިޚާބު ބޭއްވޭނެ އިތުރު ގޮތެއް ހޯދަން ޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ.
"އެއްމަސް ދުވަސް ހޯދައިގެން އަޅުގަނޑުމެންނަށް ފަށައިގަނެވޭ ގޮތް ވެއްޖިއްޔާ، ރޯދަމަހުގެ 20ގެ ބަދަލުގައި، ޝައުބާން މަހުގެ 20 ހިސާބުގަ އަޅުގަނޑުމެންނަށް އިންތިހާބު ބާއްވާ ލެވޭ ގޮތް ވެއްޖިއްޔާ ވަރަށް އޮމާންކޮށް ދާނެ." ފުއާދު ވިދާޅުވިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 އިންތިޚާބީ ދާއިރާއެއް ހިމެނެއެވެ. އެއީ މިހާރު ހިނގަމުންދާ މަޖިލީހަށްވުރެ 6 ދާއިރާގެ އިތުރު ޢަދަދެކެވެ.