ޚަބަރު

ޒުވާން ކެޔޮޅާއި، އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ހުޅުވާލައިފި


  • ހުޅުވާލާފައިވަނީޒުވާން ކެޔޮޅުގެ އެވޯޑާއި، އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް

  • ފޯމު ހުށައެޅަންޖެހޭނީ މަސްވެރިކަމާއި ބެހޭ ވުޒާރާގެ އީމެއިލް އެޑްރެހަށް

  • ފޯމު ހުށައެޅުމުގެ އެންމެފަހުގެ ތާރީޚަކީ 30 ނޮވެންބަރުގެ މެންދުރު 12

މިއަހަރުގެ މަސްވެރިންގެ ދުވަހު ދޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައްވައިފިއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި އެވޯޑު ދެވޭނީ މިހާރު ވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި ޢާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ، މަސްވެރިންނަށް ކަމަށެވެ. އެގޮތުން، 35 އަހަރުން ދަށުގެ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑާއި، 35 އަހަރުން މަތީގެ މަސްވެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑު ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ދެ އެވޯޑަށް ކުރިމަތިލާން ހުށައަޅަން ޖެހޭ ފޯމު، އެ ވުޒާރާގެ ވެބްސައިންޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ. އަދި މި ފޯމު ހުށައެޅުމުގެ ފުރުޞަޠު މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12 އާއި ހަމައަށް ހުޅުވާލާފައިވާކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ފޯމު ފުރިހަމަ ކުރުމަށްފަހު، ހުށައަޅަންޖެހޭނީ އެވުޒާރާގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށެވެ.

މި ދެ އެވޯޑަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތެއްގެ ފަރާތުން ފޯމު ހުށައެޅުމަށް ވެސް ފުރުޞަތު އޮންނާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތު ބާއްވާ ރަށެއް ކަނޑައެޅުމުގެ ގޮތުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި، 3 ރަށަކުން ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށް، މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ނަމަވެސް އެރަށްތަކުގެ ތަފްސީލް މިނިސްޓްރީން ހާމަނުކުރައްވައެވެ.