ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފި، އަންނަ އަހަރުގެ ބަޖެޓުގެ ބަހުސް މާދަމާ ފަށަނީ


  • ބަޖެޓު ފާސްކުރަން ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދިން

  • ބަޖެޓު ފާސްކުރުރަން ނުފެންނަ ކަމަށް ވޯޓްދިނީ 10 މެންބަރުން

  • ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށައެޅުއްވީ 6.5 ބިލިއަން ރުފިޔާ

ސަރުކާރުން ހުށައެޅުއްވި ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުން ފާސްކޮށް، އަންނަ އަހަރުގެ ބަޖެޓަށް ބަހުސްކުރަން މާދަމާގެ މަޖިލީހަށް އެޖެންޑާކޮށްފިއެވެ. ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށައަޅާފައިވަނީ 6.5 ބިލިއަން ރުފިޔާއެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީން ސަޕްލިމެންޓްރީ ބަޖެޓަށް ހުށައެޅި ރިޕޯޓަށް ވޯޓަށް އަހާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. މިވޯޓުގައި 67 މެމްބަރުން ބައިވެރިވެފައިވެއެވެ. އޭގެތެރެއިން ބަޖެޓު ފާސްކުރަން ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދިންއިރު، ބަޖެޓު ފާސްކުރުރަން ނުފެންނަ ކަމަށް ވޯޓްދިނީ 10 މެންބަރުންނެވެ.

ބަޖެޓް ފާސްކުރުމަށް ބޭނުންވަނީ 34 މެންބަރުންގެ ވޯޓެވެ.

ސަޕްލިމެންޓްރީ ބަޖެޓު ފާސްވެގެން ދިއުމަކީ، އައު ސަރުކާރަށްވެސް ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ބަޖެޓު ކޮމިޓީގެ މެންބަރުން ފާހަގަކުރައްވައެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށައެޅުއްވީ 6.5 ބިލިއަން ރުފިޔާއެވެ. އިތުރުކުރި ޚަރަދާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރޭގައި އައްޑޫ ބިންހިއްކުމާއި، ހަނިމާދޫ އެއަރޕޯޓް މަޝްރޫޢަށް ބޭނުންވާ ފައިސާ ހިމަނާފައިވެއެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް ގެންނެވި އިސްލާހުގައި، ވަނީ މީޑިއާތައް ހިންގުމުގައި އެހީތެރިކަން ދިނުމަށްވެސް ފައިސާ ހިމަނާފައެވެ. އެގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ ބްރޯޑްކާސްޓް ޚިދުމަތްދޭ ކުންފުނިި މީޑިއާތަކަށް ޚާއްސަކޮށް ހުށައެޅި 6.5 މިލިއަން ރުފިޔާގެ ބަޖެޓުވެސްވަނީ ފާސްކުރައްވާފައެވެ.

މިއަދުގެ މަޖިލިސް ނިންމަވާލައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ، އަންނައަހަރަށް ދަޢުލަތުން ހުށައަޅާ ބަޖެޓަށް ބަހުސްކުރުން މާދަމާގެ މަޖިލީހަށް އެޖެންޑާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.