ޚަބަރު

ރިޔާސަތު ބަލަހައްޓާ 5 މެމްބަރުންގެ ލިސްޓުގެ ކުރިޔަށް ސިޔާމް


މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން މަޖިލީހުގެ އައު ރައީސް ހިތަދޫ އުތުރު ދާއިރާ މެމްބަރު މުޙައްމަދު އަސްލަމް އަލުން ކަނޑައަޅުއްވާ އިއުލާންކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްކަމަށް މުޙައްމަދު އަސްލަމް އިންތިޚާބުކޮށްފައިވަނީ އެމަޤާމުގައި ކުރިން ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ތާވަލުކޮށްފައިވަނީ މިމަހުގެ 13 ވަނަދުވަހު އަމިއްލަފުޅަށް އިސްތިއުފާދެއްވުމުންނެވެ. މަޖިލީހުގެ ރައީސްކަމަށް އަސްލަމް، މިމަހުގެ 14 ވަނަދުވަހު ހޮވިވަޑައިގަތީ މަޖިލީހުގެ 53 މެމްބަރުންގެ ވޯޓާއި އެކުއެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އަސްލަމް ކަނޑައެޅުއްވި 5 މެމްބަރުންނަކީ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދާއި، މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމާއި ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢާމިރުއެވެ.

މި 5 މެމްބަރުންގެ ތެރެއިން އަޙްމަދު ސިޔާމް މުޙައްމަދު މަޖިލީހުގައި ހިދުމަތް ކުރައްވަމް ފެއްޓެވީ 27 ފެބްރުއަރީ 2005 ވަނައަހަރުއެވެ. ބަކީ ތިއްބެއްވި އަނެއް 4 މެމްބަރުންކަމަށްވާ ޤާސިމް އިބްރާހީމާއި އަޙްމަދު ސަލީމާއި ޢަބްދުލްޣަފޫރު މޫސާ އަޙްމަދު ޢާމިރު މަޖިލީހުގައި ހިދުމަތް ކުރައްވަން ފެއްޓެވީ 28 މޭ 2009 ގައެވެ.

އަލަށް ކަނޑައެޅުއްވި މެމްބަރުން މުއްދަތުގެ ދިގުމިން

- އަޙްމަދު ސިޔާމް މުޙައްމަދު ( 18 އަހަރާއި 8 މަސް)
- ޤާސިމް އިބްރާހީމް ( 14 އަހަރާއި 5 މަސް)
- އަޙްމަދު ސަލީމް ( 14 އަހަރާއި 5 މަސް)
- ޢަބްދުލްޣަފޫރު މޫސާ ( 14 އަހަރާއި 5 މަސް)
- އަޙްމަދު ޢާމިރު ( 14 އަހަރާއި 5 މަސް)

މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި ބުނާގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.