ސިޔާސީ ޕާޓީތަކުގެ ޤާނޫނު ތަންފީޒުކުރަން ފެށުމުގެ ކުރިން އިނގިލީގެ ނިޝާން ހުށައަޅާފައި ނުވާ މެމްބަރުން އެޕާޓީތަކުން ވަކިކުރެވޭނެ ގޮތްވުމަކީ ހުރިހާ ޕާޓިތަކެއްގެ މެދުގައި ހަމަހަމަ އުޞޫލު ގެންގުޅުމަށް ގެނެވޭ އެންމެ އެކަށޭނެ ބަދަލުކަމަށް ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙު ވަނީ މަޖިލީހަށް މިއަދު ބަލައިގަންނަވައި، ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައެވެ.
ސަރުކާރުގެ ފަރާތުން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގައި ވަނީ، ސިޔާސީ ޕާޓީގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުން އިނގިލީގެ ނިޝާން ހުށަހަޅަން އެއްމަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގައި އިނގިލީގެ ނިޝާން ހުށަނާޅައިފިނަމަ ޕާޓީގެ މެމްބަރުކަމުން ވަކިވާނެކަމަށެވެ. މި އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީގެ މެމްބަރަކަށް ވުމަށް ނަމާއި، އެޑްރެހާއި، އައިޑީ-ކާޑު ނަންބަރާއި، ޢުމުރާއި، އިނގިލީގެ ނިޝާނާއި ސޮއިގެ އިތުރުން، ސޮއިކުރި ތާރީޚް އެނގެން އޮންނަ ގޮތަށް ހުށަހަޅަން ޖެހޭނެކަމަށާއި، މުއްދަތު ހަމަނުވާ އައިޑީކާޑު ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
މި އިޞްލާޙު ހުށައެޅުއްވުމުގެ މަޤްޞަދުގެ ތެރޭގައި، 2013 ވަނަ އަހަރުގެ ކުރިން ހިނގައިދިޔަ މުއްދަތުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމަށް އިނގިލީގެ ނިޝާން ހުށަހަޅަން ނުޖެހުމުގެ ސަބަބުން، މެމްބަރުންގެ ނަމުގެ ޞައްޙަކަމާމެދު ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ލިބި، މިކަމާ ގުޅިގެން ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާކަން ހިމަނުއްވާފައިވެއެވެ.
މި އިޞްލާޙަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ، މި އިޞްލާޙަކީ ހުރިހާ ޕާޓީއަކާމެދު ހަމަހަމަ އުޞޫލުން ކުރިޔަށް ގެންދެވުމަށް އެންމެ މުހިންމު އަދި ހެޔޮ ބަދަލަކަށް ވެގެންދާނެކަމަށެވެ. ނަމަވެސް މި އިޞްލާޙަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ތާއީދުކުރައްވާފައެއް ނުވެއެވެ.
ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދެއްވާ ފައިސާ ދޫކުރެއްވުމުގައި އިނގިލީގެ ނިޝާން ހުށައަޅަން ދެއްވި މުއްދަތުތަކުގެ ތެރޭގައި މަޢުލޫމާތާއި ތަކެތި ހުށަހެޅި ޕާޓީތަކުގެ ދަފްތަރުތަކަށް ރިޢާޔަތްކުރައްވަން ވާނެކަމަށްވެސް މި އިޞްލާޙުގައި ބުނެފައިވެއެވެ.