ޚަބަރު

އަލްހާނާއި އޭނާގެ އާއިލާ ބައެއް މީހުންގެ މައްޗަށާއި، ކުންފުންޏަށް ދައުވާކުރަން ފޮނުވައިފި


  • ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރާ މައްސަލަ ބަލަންފެށީ މިދިޔަ އަހަރުގެ މާރިޗުގައި

  • އަލްހާނެގެ އިތުރުން އޭނާގެ އާއިލާ 2 މީހުންގެ މައްޗަށް ދައުވާކުރޭ

  • ޚިޔާނަތްތެރިވީ ކިހާ ޢަދަދެއްގެ ފައިސާއަކަށްކަމެއް ހާމަނުކުރޭ

އޮންލައިން ޓްރޭޑިން ހިގުމަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ރުފިޔާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އަލްހާން އިސްވެ ހުންނަވާ ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސްވަނީ އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެއެވެ. މިކަން މާލީ އިދާރާތަކުގެ ސަމާލުކަމަށް އައުމުން އެ އިދާރާތަކުން ވަނީ މިފަދަ ފަންޑުތަކީ ދެމެހެއްޓެނެވި ގޮތެއްގައި ހިންގޭނެ ފަންޑުތަކަށް ނުވާތީ އެ ފަންޑަށް ފައިސާ ނުދިނުމަށް އިލްތިމާސްކޮށްފައެވެ. އެހެންނަމަވެސް އަލްހާނާ އޭނާގެ ޓީމުން ދިޔައީ މާލީ އިދާރާތަކަށް ގޮންޖަހާ އެ ފަންޑު ނުހުއްޓުވޭނެކަމަށް ބުނަމުންނެވެ. އަދި އިންވެސްޓްކުރި މީހުންނަށް ފައިސާ ދޭނެކަމަށް ބުނަމުންދިޔައެވެ.
އޮންލައިން ޓްރޭޑިން ހިގުމަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ރުފިޔާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުކުރެވޭ މައްސަލ ތަހުގީގުކުރަން ފެށީ މިދިޔަ އަހަރުގެ މާޗް މަހުއެވެ. މި މައްސަލައިގެ ތަހްގީގް ނިންމާ ފުލުހުން މިހާރު ވަނީ ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ބަލައިގަނެފައިވާކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އެ މައްސަލާގައި ދައުވާކުރަން ފުލުހުން ފޮނުވާފައިވަނީ، އަލްހާންގެ އިތުރުން އޭނާގެ އާއިލީ މީހުންކަމަށްވާ، ޝަހުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އިތުރުން ވިޔަފާރިކުރި ކުންފުނިކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ މައްޗަށެވެ.

އޮންލައިން ޓްރޭޑިން ހިގުމަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ރުފިޔާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުގައި އަލްހާނަށް ދައުވާކުރަން ފޮނުވާފައިވާއިރު، އޮޅުވާލައިގެން މީހުންގެ އަތުން އޭނާ ނަގާފައިވަނީ ކިހާ ޢަދަދެއްގެ ފައިސާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަލްހާންގެ މައްޗަށް ތުހުމަތުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން އާއްމުންނަށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ޤަވައިދާ އުސޫލްތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކާ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާ އެ ފައިސާ ލޯންޑަރ ކޮށްފައިވާކަމަށެވެ.

ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ މި ފަދަ ފަންޑުތަކަށް އިންވެސްޓްކޮށް ފައިސާ ނުލިބި ތިބި މީހުން އެކަން އެ އިދާރާއަށް އަންގާދިނުމަށް އެދިފައެވެ. އިންވެސްޓްކުރި މީހުން އެމީހުންނަށް ލިބުނު ގެއްލުންތައް އަންގާ މިކަމުގައި ޖިނާއީ ތަހުޤީގެއް ހިންގަން ފެށުމުންވެސް މި ކަމަކީ މަދަނީ މައްސަލައެއްކަމަށް ބުނެ އެކަމަށްވެސް އަލްހާން ވަނީ ފާޑު ކިޔުއްވާފައެވެ.