ޚަބަރު

ސިޓްރިޒަންގެ ދިޔާ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި


  • ސިޓްރިޒަން މަނާކުރީ ޑައިއީތައިލިން ގްލަައިކޯލް އަދި އިތައިލީން ގްލައިކޯލް ކިޔާ ކެމިކަލެއް ހުރުމުން

  • މި ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުންވަނީ މަނާކޮށްފައި

  • މިބޭސް ނައްތާލުމަށް ބޭސްފިހާރަތަކަށް އެފްޑީއޭއިން ވަނީ އަންގާފައި

ކެއްސުމާއި، ހުމާއި ރޯގާއަށްދޭ ދިޔާ ބޭހެއް ކަމަށްވާ ސިޓްރިޒަން ހުރިހާ ބެޗަކުން ކެމިކަލްގެ މާއްދާތަކެއް ފެނިފައިވާތީ އެ ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

މިބޭސް އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ މިބޭހުގައި ކެމިކަލްގެ ބާވަތެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް، (DEG) އަދި އިތައިލީން ގްލައިކޯލް، (EG) ހިމެނޭ ކަމަށް ހުރިކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮށްފައިވާ އެލަރޓަކާ ގުޅިގެން ރާއްޖޭގައި ރެންޑަމްކޮށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރިއިރު، ޕާކިސްތާނުން އުފައްދާ ސިޓްރިޒަންގެ ބާވަތެއް ކަމަށްވާ ބީ220 ގައި ކެމިކަލެއް ހުރިކަން ކަށަވަރުކުރެވިފައިވާތީ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކުރެއެވެ.

މިއާއެކު މިބޭހުގެ އިތުރު ބެޗްތައްވެސް ސްކްރީން ކުރިއިރު ހުރިހާ ބެޗެއްގައިވެސް DEG/EG ހުރިކަން މިހާރު ކަށަވަރުވެފައިވާ ކަމަށް އެއޮތޯރިޓީން ހާމަކުރެއެވެ. އެބެޗްތަކަކީ K222, G204, L2010 އަދި J242 އެވެ.

އެހެންކަމުން މިއަދުން ފެށިގެން މި ބޭހުގެ މިބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކޮށް، ވިއްކުމާއި، ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެއޮތޯރިޓީން ހާމަކުރެއެވެ.

އެމްއެފްޑީއޭއިންވަނީ މިބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އެބޭސް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައެވެ.