ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި، ޤާނޫނުތަކަށް ގެނެވިފައިވާ އިޞްލާޙުތައް ފަސޭހައިން ބަލާލެވޭގޮތަށް ފަރުމާކޮށްފައިވާ "އެމްވީ ލޯ"ގެ އައު ވެބްސައިޓް އެޓަރނީ ޖެނެރަލްގެ އޮފީހުން އިފްތިތާޙްކޮށްފިއެވެ.
މިއީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ޖަވާބު ޕްރައިވެޓް ލިމިޓެޑުން ފަރުމާކޮށް ޑިވެލޮޕްކޮށްފައިވާ ވެބްސައިޓެކެވެ.
މި ވެބްސައިޓުގެ މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިޞްލާޙުތައް އެއްތަނަކުން ފަސޭހަކަމާއެކީ ބަލައިލެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަގުފަހިކޮށްދިނުންކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.
"އެމްވީ ލޯ" ގެ އައު ވެބްސައިޓް މެދުވެރިކޮށް ކީވަރޑް ބޭނުންކޮށްގެން ޤާނޫނުތަކާއި ގަވާއިދުތައް ހޯދުމާއި، ޤާނޫނުތަކަށް ގެނެވިފައިވާ އިޞްލާޙުތައް ޓްރެކްކުރުމާއި، އޮފްލައިންކޮށް ކިޔާލުމަށްޓަކާ ޤާނޫނުތަކާއި ގަވާއިދުތައް ސޭވްކުރުމާއި، ޤާނޫނުތަކުގެ މާއްދާތައް ބުކްމާކްކުރުން ފަދަ ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މި ވެބްސައިޓަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ދިވެހިބަހުން ޓެކްސްޓް-ޓު-ސްޕީޗް ފަންކްޝަން ހިމަނާފައިވާ ރާއްޖޭގެ ފުރަތަމަ ރަސްމީ ވެބްސައިޓުވެސްމެއެވެ.
މި އައު ވެބްސައިޓް އިފްތިތާޙްކޮށްފައިވަނީ އެކަމަށްޓަކާ އޭޖީ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޕެކް ޗުއާން ގަންއާއި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްއާއި، ޖަވާބު ޕްރައިވެޓް ލިމިޓެޑް ތަމްޞީލުކުރައްވާ ފަރާތްތަކާއި، އޭޖީ އޮފީހުގެ ވެރިންނާއި، ވެބްސައިޓު ޑިވެލޮޕްކުރުމުގައި މަސައްކަތްކުރެއްވި ޓީމު ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާ ހަރުދަނާކުރުމަށް ޔޫ.އެން.ޑީ.ޕީއިން ދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި މި ވެބްސައިޓު ޑިވެލޮޕްކުރުމުގައި ޔޫ.އެން.ޑީ.ޕީއާއި ޖަވާބު ޕްރައިވެޓް ލިމިޓެޑާއި، އެޓަރނީ ޖެނެރަލް އޮފީހުން މި މަސައްކަތްކުރެއްވި ޓީމުގެ މަސައްކަތްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޕެކް ޗުއާން ގަންގެ ވާހަކަފުޅުގައި "އެމްވީ ލޯ"ގެ ވެބްސައިޓު އިފްތިތާޙްކުރެވިގެން ދިއުމަކީ މަޢުލޫމާތާއި، ޢަދުލުއިންސާފަށް ވާޞިލުވުމަށް މަގުފަހިކޮށްދީ، ޤާނޫނުގެ ވެރިކަން ހަރުދަނާކޮށް، ރާއްޖޭގެ ޤާނޫނީ ނިޒާމާއި ސަރުކާރުގެ ހާމަކަމާއި ޒިންމާދާރުކަން އިތުރުކުރުމަށްޓަކާ ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ. އަދި މިއީ އާންމުންނާގުޅޭ އާންމުންގެ ބޭނުންތަކަށް އިޖާބަދޭ، އަދި އެންމެންގެ ބައިވެރިވުން ހިމެނޭފަދަ ގޮތަކަށް ޤާނޫނުތައް ހެދުމަށްޓަކާ އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަމަށްވެސް ވިދާޅުވިއެވެ.
Honoured to unveil the new MVLAW website and the associated mobile app releasing next week. I am confident that it will improve legal resource accessibility & inclusivity in Maldives. Congratulations to @UNDPMaldives, @javaabumv, & @AGOmv team for their dedicated collaboration! pic.twitter.com/uC7WtRpJck
— I Riffath (@ibriffath) November 1, 2023
"އެމްވީ ލޯ" ގެ އައު ވެބްސައިޓަށް ހުރިހާ މޯބައިލް ޑިވައިސްތަކަކުންވެސް ވަދެވޭއިރު، "އެމްވީ ލޯ"ގެ ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައި.އޯ.އެސް އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ލިބެން ހުންނާނެކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.