ޚަބަރު

އަންނަ އަހަރު އޮޑިޓް އޮފީހުން 346 އޮޑިޓެއް، ދައުލަތުގެ މާލީ ނިޒާމަށް އިސްކަމެއް


  • އޮޑިޓްގައި އިސްކަމެއް ދޭނީ މުޅި ދައުލަތުގެ މާލީ ބަޔާނަށް

  • ފައިނޭންޝިއަލް އެންޑް ކޮމްޕްލިއަންސްގެ ގޮތުގައި 294 އޮޑިޓެއް ކުރާނެ

  • އޮޑިޓު ރިވިއުސްގެ ގޮތުގައި 39 އޮޑިޓެއް ކުރާނެ

މިއަންނަ އަހަރަށް ޖުމްލަ 346 އޮޑިޓެއް ކުރަން ނިންމާފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން 2024 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.

މި ބައްދަލުވުމުގައި 2024 ވަނަ އަހަރުގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ އެނުއަލް ވޯކްޕްލޭން ހުށަހަޅަމުން އެ އޮފީހުގެ ޑިރެކްޓަރ މުޙައްމަދު ޝާން ވިދާޅުވީ، އެނުއަލް ވޯކްޕްލޭންގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ މުޅި ދައުލަތުގެ މާލީ ބަޔާނާއި، ދައުލަތުގެ ދަރަންޏާއި، ދައުލަތުގެ ގެރެންޓީސް އަދި ފިސްކަލް ސްޓްރެޓެޖީޒް އަދި ބޮޑެތި މިނިސްޓްރީތަކާއި އެންޓިޓީތަކާއި ގުޅޭ އޮޑިޓްތަކަށް ކަމަށެވެ.

2024 ވަނަ އަހަރުގެ އެނައުލް ވޯކް ޕްލޭންގައި އޮޑިޓުތައް ބެހިފައިވާ ގޮތް:

• ފައިނޭންޝިއަލް އެންޑް ކޮމްޕްލިއަންސް އޮޑިޓުގެ ގޮތުގައި 294 އޮޑިޓެއް ކުރާނެ
• އޮޑިޓް ރިވިއުސްގެ ގޮތުގައި 39 އޮޑިޓެއް ކުރާނެ
• ޚާއްސަ އޮޑިޓުގެ ގޮތުގައި 5 އެސައިމަންޓެއް އޮޑިޓު ކުރެވޭނެ
• ޕާފޯމަންސް އޮޑިޓުގެ ގޮތުގައި 4 އޮޑިޓެއް ކުރާނެ
• އިންފޮމޭޝަން ސިސްޓަމްސްގެ ގޮތުގައި 4 އޮޑިޓެއް ކުރާނެ


މި އޮޑިޓުތަކުގެ ތެރޭގައި ކައުންސިލްތަކަކާއި، ސަރުކާރުގެ ބޮޑެތި އިދާރާތަކާއި ސަރުކާރު ހިއްސާވާ 39 ކުންފުންޏެއް ހިމެނެއެވެ. އަދި ސަރުކާރުން ހިންގާ 30 މަޝްރޫއެެއްގެ އިތުރުން 3 ޕަބްލިކް ފަންޑެެއް އަންނަ އަހަރު އޮޑިޓްކުރާނެކަމަށް އޮޑިޓް އޮފީހުން ވިދާޅުވެއެވެ.

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ އެނުއަލް ވޯކް ޕްލޭނުގައި ހިމެނޭ ސްޕެޝަލް އޮޑިޓްތަކުގެ ތެރޭގައި އެސްޓީއޯއާއި ފިއުލް ސަޕްލައިގެ ތެލުގެ ސްޓޮކާއި، އެސް.ޑީ.އެފް.ސީ، މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ، އަދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ހިމެނެއެވެ. އަދި މީގެ ތެރޭގައި މޯލްޑިވްސް ފްލޯޓިން ސިޓީ ޕްރޮޖެކްޓްވެސް ހިމެނެއެވެ.

މި ބައްދަލުވުމުގައި އޮޑިޓް އޮފީހުން ވަނީ އެ އޮފީސް ހިންގުމަށް އަންނަ އަހަރަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށް އެދި ހުށަހަޅާފައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.