ޚަބަރު

ލޯންޗު އެކްސިޑެންޓުގައި އަނިޔާވި އެންމެ މީހަކު ފިޔަވާ އެންމެން ދޫކޮށްލައިފި


  • ވަށަފަރުން ދިއްދޫއަށް ދަތުރުކުރި ލޯންޗެއް

  • 10 މީހުންނާއެކު ދަތުރުކުރި ލޯންޗު ނެރަށް އެރީ ރޭ 07:40 ހާއިރު

  • 7 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު

  • 1 މީހެއް ފިޔަވާ އެންމެން ވަނީ ދޫކޮށްލާފައި

ހއ. ދިއްދޫގެ ނެރަށް ލޯންޗެއް އަރާ ހިނގި ހާދިސާގައި އަނިޔާވި މީހުންގެ ޙާލު ރަނގަޅުކަމަށާއި، ފަރުވާދިނުމަށްފަހު ބައެއް މީހުން މިހާރު ދޫކޮށްލެވިފައިވާކަމަށް، ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ހއ.ވަށަފަރުން ދިއްދުއަށް ދަތުރުކުރި ލޯންޗެއް ދިއްދޫ ނެރަށް އަރައި ހިނގި ހިނގި ހާދިސާގައި 10 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވެއެވެ. މި ހާދިސާ ހިނގީ ރޭ އިރުއޮއްސި 07:40 ހާއިރުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ މުޙައްމަދު ރަޝީދު ވިދާޅުވީ، މި ހާދިސާގައި އެކިވަރުގެ އަނިޔާވެގެން 7 މީހަކު ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ.. އަދި މި 7 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭގެތެރެއިން ބައެއް މީހުން ފަރުވާއަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށާއި، ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން މިވަގުތު ފަރުވާދެމުން އަންނަނީ އެންމެ މީހަކަށްކަމަށް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ރޭ ހޮސްޕިޓަލަށް ގެންދިޔަ ބައެއް މީހުންގެ ނޭފަތް ފަޅައިގެން ދިއުމާއި، އަރިކައްޓައި، ބޮލާއި ފަލަމަސްގަނޑަށް އެކިވަރުގެ އަނިޔާވެފައިވާކަމަށެވެ. ނަމަވެސް އެއްވެސް މީހެއްގެ ޙާލު ސީރިއަސް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

10 މީހުން ގޮވައިގެން ދިއްދޫއަށް ދަތުރުކުރި އެ ލޯންޗު ނެރަށް އެރި ސަބަބު އަދި ސާފެއް ނުވެއެވެ.