ޚަބަރު

ކެންސަރަށް އާއްމުން ހޭލުންތެރިކުރުމަށް ބާއްވާ ޚާއްސަ ހަރަކާތް އަންނަ ހޮނިހިރު ދުވަހު


  • ހަރަކާތް ކުރިއަށްދާނީ ހޮނިހިރު ދުވަހު ހަވީރު 4 ޖަހާއިރު

  • ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއް ވަގުތެއްގައި ކުރިއަށްދާނެ

  • ދުވުމުގައި ބޭނުންކުރާ ބިބް މާލެއާއި އަތޮޅުތަކުން ލިބޭނެ

ކެންސަރަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ޚާއްސަ ހަރަކާތް މިމަހުގެ 14 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމައިފިއެވެ.

"ޕިންކް ރިބަން ރަން ވޯކް"ގެ ނަމުގައި ބާއްވާ މި ހަރަކާތަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާއި ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލް ގުޅިގެން ބާއްވާ ޚާއްސަ ހަރަކާތެކެވެ. މިއީ ކެންސަރ ސޮސައިޓީއިން ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހު ބާއްވަމުން އަންނަ ޚާއްސަ ހަރަކާތެކެވެ.

މިއަހަރުގެ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައެވެ. މި ހަރަކާތް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއް ވަގުތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ސޮސައިޓީން ބުނެއެވެ.

މި ދުވުމުގައި ބޭނުންކުރާ ބިބް މާލޭގެ ސޮނީ ސްޕޯރޓްސް ލައިފް ސްޓައިލް، ހަމީދިއްޔާ އަދި ހުޅުމާލޭ ސޮނީ ސްޕޯރޓްސް އައުޓްލެޓް ސްޓޯރއިން ލިބެން ހުންނާނެކަމަށް ކެންސަރ ސޮސައިޓީން ބުނެއެވެ. އަދި މި ހަރަކާތް ކުރިއަށްދާ ރަށްރަށުންވެސް ލިބެން ހުންނާނެއެވެ.

ބީ.އެމް.އެލްއިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީން ބާއްވަމުން އަންނަ "ޕިންކް ރިބަން ވޯކް"އާއި ކެންސަރ ސްކްރީނިންގ ފަދަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަކީ 2012 ވަނަ އަހަރު އުފެދުނު މަދަނީ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގެ މައިގަނޑު މަޤްސަދަކީ ކެންސަރު ބައްޔާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމެވެ.