ދިވެހި އެފްއެމްގެ މަޝްހޫރު ޕްރެޒެންޓަރ އަދި އާންމުންގެ މަޤުބޫލުކަން ހޯދާފައިވާ ޝަހުދާ މަހުމޫދު ޑައިރެކްޝަށް ނުކުމެއްޖެއެވެ.
ޝަހުދާއަކީ ޕީއެސްއެމްގެ ދެވެހި އެފްއެމްގެ ފްރޮގްރާމްތަކާއި ޓީވީއެމްގެ ޕްރޮގްރާމްތައްވެސް ހުށައަޅާދެމުން އަންނަ ޕްރެޒެންޓަރެކެވެ. ޝަހުދާ ޑައިރެކްޝަނަށް ނުކުމެފައިވާއިރު އޭނާގެ އެންމެ ފުރަތަމަ ޑައިރެކްޝަނަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ވެބް ސީރީޒްގެ 2 އެޕިސޯޑެވެ.
ޝަހުދާ ޑައިރެކްޓްކުރަނީ "ޑާކްރެއިން ކްރޮނިކްލްސް"ސީޒަން ދޭއްގެ އެޕިސޯޑްތަކުގެ ތެރޭގައި ހިމެނޭ "ލެމަން ކޭކް"އެވެ. "ލެމަން ކޭކް" އަކީ ޝަހުދާގެ އަމިއްލަ ސްކްރީންޕްލޭއަކަށް ޑައިރެކްޓްކުރާ ސީރީޒެކެވެ. އަދި މިއީ ބައިސްކޯފަށް އަންނަ ސީރީޒްގެ "ލަވް ކޮންސެޕްޓް"އަށް ޑައިރެކްޓްކުރާ އެޕިސޯޑްތަކެކެވެ. ޝަހުދާ ބުނީ އެޕިސޯޑްތަކުގެ ސްކްރީންޕްލޭ ލިޔުމަށް ހޭދަވީ 2 ދުވަސް ކަމަށެވެ.
ޑާކްރެއިން އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ސީރީޒް "ލެމަން ކޭކް"ގެ ކާސްޓުންގެ ތެރޭގައި ޝަހުދާގެ ފިރިމީހާ މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ޝަރަފު އަބްދުﷲ އާއި ނުޒުހަތު ޝުއައިބްއާއި އަހުމަދު ޝާރިފުގެ އިތުރުން އައިޝާ އަލީވެސް ހިމެނެއެވެ.
ޝަހުދާއަކީ ވާހަކަ ލިޔުންތެރިއެއްވެސްމެއެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން ޝަހުދާ އަންނަނީ ވާހަކަ ލިޔަމުންނެވެ. އާންމުގޮތެއްގައި ޝަހުދާ ލިޔަނީ ބިރުވެރިވާހަކަތަކެވެ. އޭނާ އެންމެ ގިނައިން ވާހަކަ ލިޔެފައިވަނީ ދިވެހި އެފްއެމްއަށާއި ވީއެފްއެމްއަށެވެ. އެގޮތުން މިހާތަނަށް 20 އަށްވުރެ ގިނަ ވާހަކަ ލިޔެފައިވާނެ ކަމަށް ޝަހުދާ ބުންޏެވެ.
ދިވެހި އެފްއެމް އަޑުއެހުންތެރިންގެ ތެރޭގައިވެސް ޝަހުދާ ބޮޑަށް މަޤުބޫލުވެފައިވަނީ އޭނާގެ އަސަރުގަދަ ރޭޑިއޯ ޑްރާމާ ސިލްސިލާތަކުގެ ސަބަބުންނެވެ. އަމިއްލައަށް ވާހަކަ ލިޔެ ރޭޑިއޯ ޑްރާމާތައް އުފެއްދުމުގެ އިތުރުން ޝަހުދާއަކީ ތަފާތު ކެރެކްޓަރތަކަށް އަޑުއެޅުމުގައިވެސް ފާހަގަކޮށްލެވޭ ޕްރެޒެންޓަރެކެވެ.