ޚަބަރު

އެތެރެވާ ޑޮލަރުގެ %30 ހިފެހެއްޓިއްޖެނަމަ ޑޮލަަރުގެ ރޭޓް ތިރިކުރެވޭނެ: ރައީސް


ރާއްޖެއަށް އެތެރެވާ ޑޮލަރުގެ %30 ރާއްޖޭގައި ހިފެހެއްޓިއްޖެނަމަ ޑޮލަރުގެ ރޭޓް 15 ރުފިޔާއަށްވުރެ ދަށްކުރެވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެން ބޭއްވި ޖަލްސާގައެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ޑޮލަރުގެ ތާށިކަމުގެ މައްސަލަ ހައްލުކުރަން މިސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ ހުރިހާ މުޢާމާލަތްތަކާއި ވިޔަފާރީގެ ހުރިހާ މުޢާމަލާތްތައް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ހަމަޖެއްސުން ނުވަތަ ޑީ ޑޮލަރައިޒޭޝަންއާ ދިމާއަށްދާން މަސައްކަތް ކުރެއްވިކަމަށެވެ. އަދި މިބަދަލު ގެނެވުނުނަމަ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުވެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ބޭންކުތަކުގައި ޑޮލަރު ހިފެހެއްޓުނީސް ކަމަށެވެ.

"މާނައަކީ ޑޮލަރު ލިބޭ މީހުންވެސް ޖެހޭނީ ޑޮލަރު މާރުކުރަން. އެމީހުން ގަންނަ ހުރިހާ އެއްޗެއްވެސް ގަންނަން ޖެހޭނީ އަދި ދޭ މުސާރަވެސް ދޭން ޖެހޭނީ ދިވެހި ރުފިޔާއިން. އެހެންކަމަށް ވަންޏާ އެ ޑޮލަރު މާރުކުރަން ޖެހޭނެ. އެމްއެމްއޭއިން ކަނޑައަޅާ އުޞޫލަކުން. އެހެންކަމަށް ވަންޏާ ރައްޔިތުން ބޭނުންވާ ވަރަށް ބޭންކުތަކުގައި ޑޮލަރު ހިފެހެއްޓޭނެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ދެވަނަ ކަމެއްގެ ގޮތުގައި މަޝްވަރާކުރެއްވީ ވިޔަފާރިތަކަށް ލިބޭ ޑޮލަރު އާމްދަނީގެ ވަކި އިންސައްތައެއް ވަކި މުއްދަތަކަށް ރާއްޖޭގެ ބޭންކެއްގައި ބެހެއްޓުމަށްކަމަށެވެ. އަދި 30 އިންސައްތަ ބެހެއްޓުމަށްޓަކައި ވިޔަފާރިތަކާއެކު މަޝްވަރާ ކުރައްވާ ގާތްގަޑަކަށް އެއްބަސްވުމަކަށްވެސް އާދެވުނުކަމަށެވެ.

"ފޮރިން އިންވެސްޓަރުން ރާއްޖޭގައި ވަރަށް އެބައުޅޭ. މިކަން ކުރެވޭނީ ރާއްޖެއިން ބޭރަށް ޑޮލަރު ގެންދަންޖެހޭ ވަގުތު ލިބޭނެކަމުގެ ޔަޤީންކަން އޮތުން. ދިވެހި ވިޔަފާރިވެރިންވެސް ރާއްޖެއިން ލޯނުނަގައިގެން ތިބުމުން އެ ލޯނު ދެއްކުމުގެ ޔަޤީންކަމެއް ސަރުކާރުން ޤާނޫނީ ގޮތުން އެފަރާތްތަކަށް ހޯދާދީފައި ބޭއްވުން. އޭގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން އެބަގެންދަން މިޔަޤީންކަން ވިޔަފާރިވެރިންނަށް ދެވިއްޖެނަމަ މިއީ އެއްވެސް މައްސަލައެއް ނޫން." ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިޚާބު ވެއްޖެނަމަ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މީގެ ތެރެއިން ކޮންމެވެސް އެއް ސިޔާސަތެއް ތަންފީޒުކުރައްވާނެ ކަމަށެވެ. އެއާއެކީ ޑޮލަރު ތާށިކަމުގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިޤްތިޞާދުގެ 30 އިންސައްތަ ޑޮލަރު ރާއްޖޭގައި ބެހެއްޓިއްޖެނަމަ ޑޮލަރު ރޭޓް 15 ރުފިޔާއަށްވުރެ ދަށް ގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

ރައީސް ވަނީ ކުރިއަށް އޮތް 5 އަހަރު ނިމޭއިރު އިޤްތިޞާދު 82 ބިލިޔަން ރުފިޔާއިން 170 ބިލިޔަން ރުފިޔާއަށް އިތުރުވާނެކަމަށާއި އޭގެ ތެރޭގައި ބޮޑު ބައެއް ހިއްސާ ކުރާނީ ޑޮލަރުން ރާއްޖެއަށް ވަންނަ އާމްދަނީކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް އާމްދަނީގެ ގޮތުގައި 6 ބިލިޔަނަށްވުރެ ގިނަ ޑޮލަރު އެތެރެވާކަމަށެވެ.